ޚަބަރު

މީޑިއާ ބިލާ ރައީސް ނަޝީދު ވެސް ދެކޮޅު

ޢާއިޝަތު އަރީނާ ، ދެން އޮންލައިން
ރައީސް މުޙައްމަދު ނަޝީދު.. ދެން އިމޭޖެސް
ލިޔުންތެރިއެއްގެ ހައިސިއްޔަތުން އަދި ކުރީގެ ޒަމީރުގެ ގައިދީއެއްގެ ހައިސިއްޔަތުން، މީޑިއާ ބިލް ތަސްދީގު ނުކުރެއްވުމަށް، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަރިހުން، ކުރީގެ ރައީސް މުހައްމަދު ނަޝީދު އެދިވަޑައިގެންފިއެވެ.

މީޑިއާ ބިލް ތަސްދީގު ނުކުރެއްވުމަށް، ރައީސް މުއިއްޒުގެ އަރިހުން، ރައީސް ނަޝީދު އެދިވަޑައިގެންފައިވަނީ ސޯޝަލް މީޑިއާ މެދުވެރިކޮށެވެ. މިއަދު ހެނދުނު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ނަޝީދު ވިދާޅުވީ، ސަރުކާރުން ރައްޔިތުންގެ ހިލާލު ފާޅުކުރުމުގެ މިިނިވަންކަމުގެ ހައްގު ހަނިކުރާ ކޮންމެ ފަހަރަކު، އެކަމުގެ ސަބަބުން ގައުމުގެ މިިނިވަންކަން ކުޑަވެ، އަދި ތަނަވަސްކަންވެސް ކުޑަވެގެންދާ ކަމަށެވެ.

Ads by STELCO

މީޑިއާ ރެގިއުލޭޓް ކުރުމުގެ ނަމުގައި ތުޅާދޫ ދާއިރާގެ އަމިއްލަ މެމްބަރު އަބްދުލް ހަންނާނު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި "މީޑީއާ ކޮންޓްރޯލްކުރާ ބިލް" ރައްޔިތުންގެ މަޖިލީހުން އިއްޔެވަނީ ބަލައިގަނެ ދިރާސާކުރަން ކޮމިޓީ އަށް ފޮނުވާފައެވެ.

ނޫސްވެރިން ބިލު ބޭރުކުރަން ގޮވާލައި އިހުތިޖާޖުކުރަމުން ދަނިކޮށް ރައްޔިތުންގެ މަޖިލީހުން ބިލު ބަލައިގަންނަން ފާސްކުރީ 49 މެންބަރުންގެ ވޯޓުންނެވެ. ބިލު ބަލައިގަންނަން ނުފެންނަ ކަމަށް ވޯޓު ދެއްވީ އިދިކޮޅު ޕާޓީތަކަށް ނިސްބަތްވާ 12 މެންބަރުންނެވެ.

މި ބިލްގެ ބަހުސް މަރުހަލާގައި، ބައެއް މީޑިއާތަކުން މަސައްކަތް ކުރާ ގޮތުން އެ މީޑިއާގެ މުވައްޒަފުން އުލުބައިންދަން ޖެހޭ ކަމަށް ވެރިކަން ހިންގާ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސްގެ ޕާލަމެންޓަރީ ގްރޫޕުގެ ލީޑަރު އިބްރާހިމް ފަލާހު ވިދާޅުވުމުން އެތައް ބަޔަކު އެކަމާ ނުރުހުންވެ ފާޑުކިޔަންވެސްވަނީ ފަށައިފަ އެވެ.

ޑިއާތައް ކޮންޓްރޯލްކުރުމަކީ ރައްޔިތުންގެ އަޑު ކަނޑުވާލުން ކަަމަށް ބުނެ، ރައްޔިތުންގެ މަޖިލީހުން ބިލު ފާސްކުރިޔަސް ރައީސް ޑރ. މުޙައްމަދު މުއިއްޒު ބިލު ތަސްދީގު ނުކުރެއްވުމަށް މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ)އިން ރޭވަނީ އެދިފައެވެ.