ބޮލަކަށް 193.23ރގެ މަގުން ސިޔާސީ 5 ޕާޓީއަކަށް 27މިލިޔަން ރުފިޔާ

ސިޔާސީ ޕާޓީތަކުގެތެރެއިން ޤާނޫނުގައި ބަޔާންކުރާ ޢަދަދަށް މެންބަރުން ހަމަވާ ޕާޓީތަކަށް ފައިސާ ޖަމާކޮށްދިނުމަށް ބޭންކަށް މިހާރު ފޮނުވާފައިވާކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއްޖެއެވެ.
އިލެކްޝަންސް ކޮމިޝަންގައި ރަޖިސްޓްރީކޯށްފައިވާ ސިޔާސީ 9 ޕާޓީގެ ތެރެއިން ޤާނޫނުގައި ބަޔާންކުރާ ޢަދަދަށް މެންބަރުން ހަމަވަނީ ސިޔާސީ 5 ޕާޓީއެއްގައެވެ. އެއީ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް، ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ، ޖުމްހޫރީ ޕާޓީ، ޢަދާލަތު ޕާޓީ އަދި މޯލްޑިވްސް ޑިވެލޮޕްމެންޓް އެލަޔަންސްއެވެ.
އިލެކްޝަންސް ކޮމިޝަނުން ވިދާޅުވީ އެ ކޮމިޝަނުގައި ރަޖިސްޓަރީ ކޮށްފައިވާ ސިޔާސީ ޕާޓީތަކުގެ ތެރެއިން މިއަހަރުގެ ބަޖެޓް ރައްޔިތުންގެ މަޖިލީހުން ފާސްކުރި ދުވަހާ ހަމައަށް 10,000 މެންބަރުން ހަމަވި ސިޔާސީ ޕާޓީތަކަށް، މިއަހަރުގެ ބަޖެޓުގެ އާމްދަނީން ދޫކުރަންޖެހޭ ފައިސާ ޖަމާކޮށްދިނުމަށް ބޭންކްތަކަށް މިހާރު ފޮނުވާފައިވާކަމަށެވެ. މިއަހަރުގެ ބަޖެޓުން އެންމެ ގިނަ ފައިސާ ލިބެނީ ވެރިކަންކުރާ ޕާޓީ، ޕީއެންސީއަށެވެ. ދެވަނައަށް އެންމެ ގިނައިން ފައިސާ ލިބެނީ އިދިކޮޅު އެމްޑީޕީއަށެވެ.
ސިޔާސީ ޕާޓީތަކަށް ދޫކުރި ފައިސާގެ ތަފްޞީލް
1- ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (PNC) - 13,316,689.57ރ
2- ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (MDP) - 8,454,780.51ރ
3- ޖުމްހޫރީ ޕާޓީ (JP) - 2,656,598.57ރ
4- މޯލްޑިވްސް ޑިވެލޮޕްމެންޓް އެލަޔަންސް (MDA) - 1,769,648.69ރ
5- ޢަދާލަތު ޕާޓީ (AP) - 1,713,538.65ރ
ސިޔާސީ ޕާޓީގެ ޤާނޫނުގައި ބަޔާންކުރާގޮތުގައި ސިޔާސީ ޕާޓީ ހިންގުމަށް ދައުލަތުގެ ބަޖެޓުން ދޫކުރާ ފައިސާއަކީ، ދައުލަތުގެ އަހަރީ ބަޖެޓުގައި އެ އަހަރަކަށް ލަފާކުރާ އާމްދަނީގެ %0.1 އަށްވާ ފައިސާއެވެ. މިގޮތުން 2024 ޑިސެންބަރު 31 ގެ ނިޔަލަށް ސިޔާސީ ޕާޓީތަކުގެ ދަފްތަރުގައި 10,000 މެންބަރުން ހަމަވާ ސިޔާސީ 5 ޕާޓީއަށް، އެޕާޓީއެއްގައި މެންބަރުން ތިބި ނިސްބަތުން، ބޮލަކަށް 193.23 ރުފިޔާ ގެ މަގުން ފައިސާ ދޫކުރާނެކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވިއެވެ.
އިލެކްޝަންސް ކޮމިޝަންގެ ދަފްތަރު ދައްކާގޮތުން މިއަހަރު ޖޫން މަހުގެ 30 ވަނަ ދުވަހާއި ހަމައަށް އެންމެ މެންބަރުން ގިނައީ ޕީއެންސީގައެވެ.
ފައިސާ ދޫކުރާ ޕާޓީތަކުގައި މެންބަރުން ހިމެނޭ ޢަދަދު:
1- ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (PNC) - 68665 މެންބަރުން
2- ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (MDP) - 43765 މެންބަރުން
3- ޖުމްހޫރީ ޕާޓީ (JP) - 13456 މެންބަރުން
4- މޯލްޑިވްސް ޑިވެލޮޕްމެންޓް އެލަޔަންސް (MDA) - 9011 މެންބަރުން
5- ޢަދާލަތު ޕާޓީ (AP) - 8844 މެންބަރުން
އިލެކްޝަންސް ކޮމިޝަންގެ ދަފްތަރުގައި 9 ސިޔާސީ ޕާޓީއެއް އޮތްއިރު ޤާނޫނުގައި ބަޔާންކުރާ ޢަދަދަށް މެންބަރުން ހަމަނުވުމުގެ ސަބަބުން އެމްޓީޑީ އުވާލުމުގެ މަސައްކަތް އެކޮމިޝަނުން މިހާރު ދަނީ ކުރަމުންނެވެ.
