ޚަބަރު

ފުވައްމުލައް އެއަރޕޯޓު ތަރައްޤީކުރުމަށް މަޝްވަރާކޮށްފި

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ފުވައްމުލައް އެއަރޕޯޓްގެ ޙާލަތު ދެނެގަތުމާއި އެ އެއަރޕޯޓް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމާ ބެހޭގޮތުން މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް އެމްއޭސީއެލްއާއި ފުވައްމުލައް ސިޓީ ކައުންސިލާ ދެމެދު މަޝްވަރާކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން އޮތީ ފުވައްމުލައް ސިޓީ ކައުންސިލް އިދާރާގައެވެ.

މި ބައްދަލުވުމުގައި މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް، އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރ އިބްރާޙިމް ޝަރީފް މުޙައްމަދާއި ފުވައްމުލައް ސިޓީ ކައުންސިލްގެ މޭޔަރ އިސްމާޢިލް ރަފީޤްގެ އިތުރުން އެމްއޭސީއެލްގެ އިސްވެރިންގެ ޓީމަކާއި ކައުންސިލްގެ މެންބަރުން ބައިވެރިވެވަޑައިގެންނެވިއެވެ.

މި ބައްދަލުކުރެއްވުމުގައި ވަނީ ފުވައްމުލައް އެއަރޕޯޓްގައި ޚިދުމަތްތައް ދިނުމުގައި ހުރި ދަތިތަކާ ވަސީލަތްތަކާއި އާލާތްތައް ހޯދުމާއި ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ. އަދި މިހާރުގެ ޙާލަތު ރަނގަޅަށް ދެނެގަތުމަށް ދިރާސާއެއް ހެދުމާ ގުޅޭގޮތުން މަޝްވަރާކުރައްވާފަވެއެވެ.

އެއަރޕޯޓްގެ ޚިދުމަތަށް ޒަމާނީ ބަދަލުތައް ގެނައުމަށް ބޭނުންވާ ކަންކަމާ ގުޅޭގޮތުންވެސް އެމްއޭސީއެލްއި ސިޓީ ކައުންސިލާ ދެމެދު ވަނީ މަޢުލޫމާތު ބަދަލުކޮށްފައެވެ.

އެމްއޭސީއެލްގެ ދަށަށް ފުވައްމުލައް އެއަރޕޯޓް ބަދަލުވުމާ ގުޅިގެން، އިސްކަންދޭނެ މުހިންމު ކަންކަމާގުޅޭ މަޢުލޫމާތުވެސް ސިޓީ ކައުންސިލާ ވަނީ ޙިއްސާކުރައްވާފައެވެ.

ފުވައްމުލައް އެއަރޕޯޓް ތަރައްޤީކޮށް ހުޅުވާފައިވަނީ 2011 ވަނަ އަހަރުގެ ނޮވެމްބަރުމަހުގެ ތެރޭގައެވެ. ފުވައްމުލަކު އެއަރޕޯޓުގައި މިހާރު ބޭނުންކުރަނީ 1200 މީޓަރު ދިގު ރަންވޭއެކެވެ.

ފުވައްމުލައް އެއަރޕޯޓަށް ބައެއް ބަދަލުތައް ގެނައުމާ، އިތުރު ތަރައްޤީތައް ގެނައުމާ ގުޅޭގޮތުން މިދިޔަ އަހަރުވެސް ބައެއް ދިރާސާތައް ކުރިއަށްގެންދިޔައެވެ. އެގޮތުން ރަންވޭ ބޮޑުކުރުމުގެ ފުރުޞަތު އޮތްތޯ ބެލުމާއި ޕެސެންޖަރ ޓަރމިނަލް އިތުރަށް ތަރައްޤީކުރުމަށް ގެންނަންޖެހޭ ބަދަލުތަކާ ގުޅޭގޮތުން ދެނެގަތުމުގެ މަސައްކަތްތައް ކޮށްފަވެއެވެ.

އޭރު ކުރިއަށްގެންދިޔަ މަސައްކަތްތަކީ ޖެޓް ޖެއްސޭ ފެންވަތަށް އެއަރޕޯޓް ތަރައްޤީކުރުމާއި އެއަރޕޯޓްގެ ރަންވޭ 1800 މީޓަރަށް ބޮޑުކުރުމުގެ ފުރުޞަތު އޮތްތޯ ދެނެގަތުމުގެ ސަރވޭއެކެވެ. އަދި ފަތުރުވެރިކަމަށް ޚާއްސަ އޭރިއާއެއް ތަރައްޤީކުރުމަށްވެސް މަޝްވަރާކޮށްފަވެއެވެ.

Ads by Allied Insurance