ބިން ހިއްކުން ހުއްޓާލަން ނިންމުމުން ދޮންފަނުފައި ފެށި މުޒާހަރާތައް ނުހުއްޓި ކުރިއަށް

ބ. ދޮންފަނުގެ ބިން ހިއްކުމުގެ މަޝްރޫއު ކުރިއަށް ނުގެންދަން ސަރުކާރުން ނިންމި ނިންމުމާ ގުޅިގެން އެ ރަށުގައި ކުރިއަށް ގެންދާ މުޒާހަރާތައް މިއަދުވެސް ކުރިއަށް ގެންގޮސްފި އެވެ.
ދޮންފަނުގެ ރައްޔިތުންނަށް ބޯހިޔާވަހިކަމުގެ ދަތިކަން ކުރިމަތިވެފައިވާތީ އެކަމަށް ހައްލު ހޯދައި ދިނުމުގެ ގޮތުން އެ ރަށުގެ ފަޅުން 13 ހެކްޓަރުގެ ބިން ހިއްކަން ނިންމައި އެ މަޝްރޫއު އެމްޓީސީސީއާ އޮތީ ހަވާލުކޮށްފަ އެވެ.
ނަމަވެސް އެ މަޝްރޫއުގެ ސަބަބުން ދޮންފަނާ ކައިރީގައި އޮންނަ ފަތުރުވެރިންގެ މެދުގައި ފީނަން މަގުބޫލު ހަނިފަރު ސަރަހައްދުގެ ތިމާވެއްޓަށް ބޮޑެތި ގެއްލުންތައް ލިބޭނެ ކަމަށް ބުނެ އެކަން ހުއްޓާލުމަށް އެކި ޖަމާއަތްތަކުން ކުރިމަތިވި ޕްރެޝަރާ ގުޅިގެން ސަރުކާރުން ނިންމީ އެ މަޝްރޫއުކުރިއަށް ނުގެންދިއުމަށެވެ.
ނަމަވެސް އެ ނިންމުމާ ގުޅިގެން ދޮންފަނުގެ ރައްޔިތުން މިދިޔަ ބުދަ ދުވަހުން ފެށިގެން ދަނީ މުޒާހަރާކުރަމުން ނެވެ.
ދޮންފަނު ކައުންސިލް މެމްބަރު އަބްދުﷲ އަހުސަން "ދެން"އަށް ވިދާޅުވީ މިއަދުވެސް ރައްޔިތުން އެއްގަމާއި ދޯނިތަކުގައި ކަނޑަށް ނުކުމެ މުޒާހަރާކުރި ކަމަށެވެ.
އޭނާ ވިދާޅުވީ ސަރުކާރުން އެ ނިންމުން ނިންމީ ދޮންފަނުގެ ރައްޔިތުންނާއި ކައުންސިލްއާ މަޝްވަރާވެސްނުކޮށް ކަމަށާއި ސަރުކާރުން ޖަވާބެއް ލިބެންދެން މުޒާހަރާތައް ކުރިއަށް ގެންދާނެ ކަމަށާއި މާދަން ވެސް މުޒާހަރާ އޮންނާނެ ކަމަށެވެ.
"ރައްޔިތުން ބޭނުންވަނީ ސަރުކާރުގެ ނިންމުން އަނބުރާ ގެނެސް ބިން ހިއްކަން ފަށަން" އަހުސަން ވިދާޅުވި އެވެ.
ކަނޑުގައި ކުރިއަށްދާ މުޒާހަރާތަކާ ގުޅިގެން ދޮންފަނުގެ ފަރުން ފެށިގެން 700 މީޓަރުގެ ސަރަހައްދުގައި އެއްވެސް ފަރާތަކުން ޑައިވްކޮށް ފީނުން ވެސް ކައުންސިލްއިން ވަނީ މަނާކޮށްފަ އެވެ.
