ޚަބަރު

އިންޑިއާއިން ޗައިނާ ބޯޑަރު ކައިރިން 3.4 ބިލިއަން ޑޮލަރުގެ ރޭލް މަގު އެޅުމަށް ރާވައިފި

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

އިންޑިއާގެ އިރުމަތީ އުތުރު ސަރަހައްދުގެ ބޯޑަރު ހަރުދަނާކުރުމަށްޓަކައި، އެ ސަރަހައްދުގައި ރޭލްވޭ އިންފްރާސްޓްރަކްޗަރ ތަރައްގީކޮށް، ލޮޖިސްޓިކްސް ހަރުދަނާކޮށް، އަދި ޗައިނާއާއެކު އޮންނަ ގުޅުން ގޯސްވެއްޖެ ހާލަތެއްގައި އަސްކަރީ ގޮތުން ތައްޔާރުވުމަށް އިންޑިއާއިން ނިންމައިފިއެވެ.

މި މަޝްރޫޢުގެ ދަށުން ޗައިނާ، ބަންގްލަދޭޝް، މިޔަންމާ އަދި ބޫޓާނާ އިންވެގެންވާ ސަރަހައްދުތަކާ ގުޅުވާލުމަށް 500 ކިލޯމީޓަރުގެ ދިގުމިނުގެ ރޭލް މަގު އެޅުމަށް ވަނީ ފާސްކޮށްފައެވެ. މީގެ ތެރޭގައި ފާލަންތަކާއި ޓަނަލްތައް ހިމެނެއެވެ. މި މަޝްރޫޢަށް 300 ބިލިއަން ރުޕީސް (3.4 ބިލިއަން ޑޮލަރު) ހޭދަވާނެ ކަމަށް ލަފާކުރެވެއެވެ.

ފަހަކަށް އައިސް ޗައިނާއާއެކު އޮންނަ ގުޅުން ރަނގަޅުވަމުން އަންނަ ކަމުގައި ވިޔަސް، އިންޑިއާގެ މި އިންފްރާސްޓްރަކްޗަރ ސްޓްރެޓެޖީއަކީ ދުރު މުސްތަގުބަލަށް ރޭވިފައިވާ ޕްލޭނެކެވެ. މިދިޔަ ދިހަ އަހަރުގެ ތެރޭގައި އިންޑިއާއިން ވަނީ 9,984 ކިލޯމީޓަރުގެ މަގު 1.07 ޓްރިލިއަން ރުޕީސްގެ އަގުގައި އަޅާފައެވެ. އަދި އިތުރު 5,055 ކިލޯމީޓަރުގެ މަގު މިހާރުވެސް ދަނީ އަޅަމުންނެވެ.

މި މަޝްރޫޢުގެ ސަބަބުން އާންމު ރައްޔިތުންނަށް އެ ސަރަހައްދުތަކަށް ދަތުރުކުރުން ފަސޭހަވެ، ކުއްލި ހާލަތްތަކުގައި އެހީތެރިކަން ފޯރުކޮށްދިނުމަށް ހޭދަވާ ވަގުތު ކުރުވެގެންދާނެއެވެ. މީގެ އިތުރުން، 1962 އިން ފެށިގެން ބޭނުން ނުކުރެވި އޮތް އެޑްވާންސް ލޭންޑިންގ ގްރައުންޑްތައް ވެސް ހެލިކޮޕްޓަރާއި އަސްކަރީ މަތިންދާބޯޓުތަކަށް ބޭނުންކުރެވޭ ގޮތަށް އައު ކުރެވިފައިވެއެވެ.

ބޯޑަރު ސަރަހައްދުތަކުގެ ގުޅުން ހަރުދަނާކުރުމަކީ ބޮޑުވަޒީރު ނަރެންދްރަ މޯދީގެ އިސް އަމާޒެކެވެ. މީގެ ތެރޭގައި ޕާކިސްތާން ބޯޑަރާ ވީ ފަރާތުން 1,450 ކިލޯމީޓަރުގެ އައު މަގުތައް އެޅުމާއި، ޑޮކްލަމް ސަރަހައްދުގެ އިންފްރާސްޓްރަކްޗަރ ތަރައްގީކުރުން ހިމެނެއެވެ. އަދި މިއަހަރުގެ ކުރީކޮޅު، ދުނިޔޭގެ އެންމެ އުސް ރޭލްވޭ ބްރިޖް ހުޅުވައި، ކަޝްމީރު ވެލީ އިންޑިއާގެ އެހެން ސަރަހައްދުތަކާ ގުޅުވާލާފައިވެއެވެ.

Ads by Allied Insurance