ނޫސްވެރިން މުޒާހަރާކުރަމުން ދަނިކޮށް މީޑިއާ ބިލު ކޮމިޓީން ފާސްކޮށްފި

މީޑިއާތަކުގެ މައްސަލަ ބަލަން އާ ކޮމިޝަންއެއް ހަދައި މީޑީއާ ރެގިއުލޭޓްކުރުން އިތުރަށް ވަރުގަދަކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބިލު ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ދިރާސާކޮށް މިއަދު ފާސްކޮށްފި އެވެ.
ކޮމިޓީން މިއަދު ހަވީރު އެ ބިލު ފާސްކުރީ ނޫސްވެރިން އެ ބިލާ ދެކޮޅަށް ކޮމިޓީ ތެރޭގައި ތިބެގެން މުޒާހަރާކުރަމުން ދަނިކޮށެވެ.
އަދި އެ ބިލު ބޭރުކުރަން ގޮވާލައި ގިނަ އަދަދެއްގެ ނޫސްވެރިން ސޮއިކޮށް ކުރިން އޮތީ މަޖިލީހަށް ޕެޓިޝަނެއް ވެސް ހުށަހަޅައިފަ އެވެ. ނޫސްވެރިން ކޮމިޓީގައި އަޑުގަދަ ކުރަމުން ދިޔައީ ވެސް އެ ޕެޓިޝަން ކޮމިޓީއަށް ލިބުނު ނަމަވެސް ޕެޓިޝަނަށް ނުބަލައިގެނެވެ.
ބަންޑާރަ ނައިބު އޮފީހުން ހުށަހެޅި އިސްލާހުތަކުގައި ބިލުގެ 67 ވަނަ މާއްދާގެ ދަށުން، ވަކިވަކި ނޫސްވެރިންނާއި މީޑިއާގައި މަސައްކަތްކުރާ ފަރާތްތަކާމެދު ފިޔަވަޅު އެޅޭގޮތަށް އޮތް މާއްދާ އުނިކުރުން ހުށަހެޅި އިސްލާހު ހިމެނެ އެވެ.
ނަމަވެސް ބިލު ފާސްކުރީ އޭގެ ބައެއް އިސްލާހުތައް ހިމަނައިގެނެވެ.
އެންމެ ބޮޑު ބަދަލަކަށް ގެނައީ މަޖިލީހުގެ ރުހުން ހޯދައިގެން ރައީސް އައްޔަންކުރާ ގޮތަށް ތިބި ތިން މެންބަރުން މަޖިލީހުން އެކަނި ކަނޑައަޅާ ގޮތަށެވެ.
ނޫސްވެރިންގެ ޑިމާންޑަކީ ބިލު ބޭރުކޮށް ހުރިހާ ކޮމިޝަނަރުންނަކީ ވެސް މީޑީއާތަކުން އިންތިހާބުކުރާ ބަޔަކަށް އޮންނަ ކޮމިޝަނަކުން މީޑިއާތައް ރެގިއުލޭޓް ކުރާ ގޮތަށް އޮތުމެވެ.
އިލެކްޓްރޯނިކް މީޑިއާއާއި އިންޓަނެޓް ވެސް ރެގިއުލޭޓްކުރެވޭ ގޮތަށް ހުރި މާއްދާތަކާއި ދޮގަކަށް ވެދާނެ ކަންކަން ނުލިޔެވޭ ގޮތަށް ހުރި ނޫސްވެރިން ކަންބޮޑުވުން ފާޅުކުރި މާއްދާތައް ވެސް ބަދަލުކޮށްފައެއް ނުވެ އެވެ.
މީގެ އިތުރުން ނޫސްތަކާއި ނޫސްވެރިން ޖޫރިމަނާ ކުރުމަށް ހުރި އަދަދުތައް ވެސް ކުޑަކޮށްފައެއް ނުވެ އެވެ.
މި ބިލު ފާސްވެ ގާނޫނަކަށް ވުމުން މޯލްޑިވްސް މީޑިއާ ކައުންސިލް އަދި ބްރޯޑްކާސްޓިން ކޮމިޝަން އުވިގެންދާނެ އެވެ. އަދި އެއާއެކު "މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަން"ގެ ނަމުގައި މިނިވަން ކޮމިޝަންއެއް ރައީސުލްޖުމްހޫރިއްޔާ އުފައްދަން ޖެހޭނެ އެވެ.
