ޚަބަރު

ފުޅާކޮށް ބަނގުރަލުގެ ވިޔަފާރިކުރަމުންދިޔަ ބިދޭސީންތަކެއް ހައްޔަރުކޮށްފި

އިބްރާހީމް ހަމީޒް ، ދެން އޮންލައިން

މާލޭގައި ފުޅާދާއިރާއެއްގައި ބަނގުރަލުގެ ވިޔަފާރިކުރަމުންދިޔަ ބިދޭސީންތަކެއް ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ އެ ބިދޭސީންތައް އަތުލައިގަތީ އިއްޔެ ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސާއި ޑްރަގް އެންފޯސްމަންޓު ގުޅިގެން ހިންގި އޮޕަރޭޝަނެއްގެ ތެރެއިން ކަމަށެވެ.

އެ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ބަންގްލަދޭޝް، ސައްބިރް ހޮސައިން (33އ) އާއި، ބަންގްލަދޭޝް، މުހައްމަދު ބަދަލް (52) އާއި އިންޑިއާ، ރާޖު ދަސް (20އ) އެވެ. މި މީހުން ހައްޔަރުކޮށްފައިވަނީ ގަވާއިދާ ހިލާފަށް ބަނގުރާ އުފައްދައި، ގެންގުޅެ، ބޭނުންކޮށް، އެ ތަކެތީގެ ވިޔަފާރިކުރާކަމަށް ތުހުމަތުކުރެވޭ މައްސަލައާ ގުޅިގެންނެވެ. މި ތިން މީހުން ވެސް މިހާރުވަނީ ޑީޕޯޓުކުރުމަށް އިމިގްރޭޝަނާ ހަވާލުކޮށްފައެވެ.

ފުލުހުން ބުނީ އެ އޮޕަރޭޝަނުގައި މާލޭގެ ތިން އެޕާޓްމަންޓު ބަަލައިފާސްކުރި ކަމަށެވެ.

"އެ ބަލައިފާސްކުރުމުގެ ތެރެއިން، ނުވަ ފުޅި ބަނގުރަލާއި، ބަނގުރާކަމަށް ބެލެވޭ އެއްޗެއް ހުރި 5ލީޓަރުގެ ހަ ފުޅިއާއި، 500އެމްއެލްގެ 78 ފުޅިއާއި، 22 ޓައްޕު ފެނިފައިވެއެވެ. އަދި ކުށްކޮށްގެން ހޯދާފައިވާކަމަށް ތުހުމަތުކުރެވޭ 29000 އަށްވުރެ ގިނަ ރުފިޔާއާއި 100 ޑޮލަރު ފެނިފައިވެއެވެ." ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ އެ މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށެވެ.