"ރަކީދޫގެ %80 މީހުންގެ ތަޢީދު ލިބޭނަމަ، އެހެން ރަށަކަށް ބަދަލުކޮށްދޭނަން"

ވ. ރަކީދޫގެ ރައްޔިތުން އެހެން ރަށަކަށް ހިޖުރަކުރަން އެރަށުގެ %80 މީހުންގެ ތަޢީދު ލިބޭނަމަ، އެކަން އެގޮތަށް ކޮށްދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ ވަނީ ރަކީދޫގެ ރައްޔިތުންނާ ބައްދަލުކުރައްވާފައެވެ. ރައްޔިތުންގެ އާއްމު އިޖްތިމާޢީ ކުރިއެރުމަށް ރައްޔިތުން ހުށައަޅަން ބޭނުންވާ ކަންކަން ހުށައެޅުމުގެ ފުރުޞަރު ވަނީ ދެއްވާފައެވެ.
ރަކީދޫގެ ގިނަ ރައްޔިތުން ރައީސްއަށް ހުށައަޅުއްވާފަވަނީ، މާލެ ކައިރިން އަލަށް ތަރައްޤީކުރާ ރަށަކަށް ރަށުގެ ރައްޔިތުންގެ ދިރިއުޅުން ބަދަލުކުރަން ބޭނުންވާކަމެވެ. އެގޮތުން ރަސްމާލެ، ގުޅިފަޅު ނުވަތަ އެނޫންވެސް، ދިރިއުޅުމުގެ ވަސީލަތްތައް ފުރިހަމަ، މާލެ ކައިރި ތަނަކަށް ހިޖުރަކުރެވޭނެ މަގު ފަހިކޮށްދިނުމަށެވެ. ރަށުގެ ރައްޔިތުން ފާހަގަކޮށްފައިވަނީ، ވަގުތުން ވަގުތަށް ބަދަލުވާން ބޭނުން ނުވާ ކަމަށާއި ބޭނުންވަނީ، ހަމަޖެހިގެން ދިރިއުޅެވޭނެ އިންތިޒާމުތަކާއެކު ބަދަލުވާންކަމަށެވެ.
ރައްޔިތުންގެ ބައްދަލުވުމުގައި ރައްޔިތުން ހުށައެޅުއްވި ޚިޔާލުތަކަށް ރިޢާޔަތްކުރައްވާ ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ހިޖުރަކުރުމުގައި ރައްޔިތުންގެ ޚިޔާލު ވަރަށް ސާފުވެގެން ހިނގައްޖެކަމަށެވެ. ރަށުން ހިޖުރަކުރުމަށް ރައްޔިތުން ބޭނުންވާގޮތް ދެނެގަތުމަށް، ރަސްމީކޮށް މަސައްކަތްތައް ގެންދަވާނެކަމަށް ރައީސް ވިދާޅުވިއެވެ. އަދި ރައްޔިތުންގެ ޚިޔާލާއެކު ރަށުން ބަދަލުވާން ނިމިއްޖެނަމަ، ރައްޔިތުން ބަދަލުކޮށްދެއްވާނީ ވަސީލަތްތަކާ ޚިދުމަތްތައް ފުރިހަމަތަނަކަށްކަމަށް ވިދާޅުވިއެވެ. އަދި ދިރިއުޅެވޭނެ ގެއާ، ހިޖުރަކުރުމަށް ސަރުކާރުން ދޭންޖެހޭ ބަދަލުވެސް ދެއްވާނެކަމަށް ވިދާޅުވިއެވެ.
"ރަށުގައި އުޅޭ މީހުން އެކަންޏެއް ނޫން. ރަށުން ބޭރުގަ އުޅޭ ރަށުގެ ރައްޔިތުންގެ ޚިޔާލުވެސް ހޯދާނަން. ބޭނުންވަނީ ހަމައެކަނީ މެޖޯރިޓީ %50 އެއް ނޫން. %80ގެ ތާޢީދާއެކު މީހުން ބަދަލުކުރުމަށް." ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
"އަޅުގަނޑުމެން ޚިޔާލަށް ބަލާނަން، މި ވިޔަފާރިތައް ދެން ގެންދެވޭނީ ކިހިނެތްތޯ. ހަމަ ގައިމުވެސް ދޭ ޔަގީންކަމަކީ، މި ވިޔަފާރިތަކަށް ގެއްލުން ނުވާނެގޮތަށް، އަދި ވިޔަފާރިތައް ހުއްޓާލަން ނުޖެހޭނެގޮތަކަށް އެކަން ކޯށްދޭނެކަމުގެ ޔަގީންކަން." ރައީސް ވިދާޅުވިއެވެ.
ރަކީދޫގެ ބައެއް ރައްޔިތުން ވަނީ މާލެ ކައިރި މީހުން ދިރިއުޅޭ ރަށަކަށް ނުވަތަ ރަށް ކައިރިން ފަޅެއް ހިއްކައިގެން މީހުން އާބާދުކުރުމުގެ ޚިޔާލުވެސް ހުށައަޅާފައެވެ. މީގެއިތުރުން އެ ރަށުގެ ރައްޔިތުން ރަށަށް މިވަގުތަށް މުހިންމު ކަންކަމުގެ ގޮތުގައި ދެން ޚިޔާލު ހުށައެޅީ ރަށަށް ރަނގަޅު ދަތުރުފަތުރުގެ ނިޒާމެއް ޤާއިމުކޮށްދިނުމަށެވެ. ރައީސްވަނީ އެކަން ސަރުކާރުގެ އާރްޓީއެލް ފެރީގެ ނިޒާމުގެ ތެރެއިން، އަންނަ އަހަރުގެ މާރިޗުގެ ކުރިން ހަމަޖައްސަވައިދެއްވާނެކަމަށް ވިދާޅުވެފައެވެ.
ރައީސް ވިދާޅުވީ އެހެން ރަށްތަކުގައި ރައްޔިތުންގެ ބައްދަލުވުން ބައްވާ ގޮތާ ތަފާތުކޮށް، ރަކީދޫގައި ރައްޔިތުންގެ ޚީޔާލު ހޯދުމުގެ ބައްދަލުވުމެއް ބޭއްވީވެސް ރަށުގެ ރައްޔިތުން އެންމެ ބޮޑަށް ބޭނުންވާ، ހިޖުރަ ކުރުމުގެ ކަންކަމުގައި، ރައްޔިތުންގެ ހިޔާލު އޮޅުންފިލުއްވުމަށްކަމަށެވެ. އަދި އެކަމުގައި ރައްޔިތުންގެ ވިސްނުން ހުރިގޮތް ވަރަށް ރަނގަޅަށް ސާފުވެގެން ހިނގައްޖެކަމަށް ރައީސް ވިދާޅުވިއެވެ.
ރަކީދޫގެ އާބާދީއަކީ 360އެއްހާ މީހުން ނަމަވެސް ރަށުގައި ދިރިއުޅޭ އާބާދީއަކީ 60އެއްހާ މީހުންނެވެ. އަދި ސްކޫލް އުމުރުގެ ކުދިންވެސް ނޫޅެއެވެ. ރަށުގެ ބޮޑު އާބާދީއަކީ އުމުރުން ދުވަސްވީ މީހުންނެވެ.
