ދުނިޔެ

އިންޑިޔާ އާއި ރަޝިޔާ ދަނޑުވެރިކަމުގެ ގުޅުން ބަދަހިކުރުމަށް އެއްބަސްވެއްޖެ

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

އިންޑިޔާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ އާއި ރަޝިޔާގެ ޑެޕިއުޓީ ބޮޑުވަޒީރު ދިމިޓްރީ ޕަޓްރުޝެވް އާ ދެމެދު ނިއުދިއްލީގައި ބޭއްވުނު "ވޯލްޑް ފުޑް އިންޑިޔާ 2025" ގައި ބައްދަލުކޮށް، ދެ ގައުމުގެ ދެމެދުގައި ދަނޑުވެރިކަމާއި، ގަސްކާނާ އަދި ކާބޯތަކެތި އުފެއްދުމުގެ ދާއިރާތަކުން އެއްބާރުލުން އިތުރުކުރުމާ ގުޅޭ ގޮތުން މަޝްވަރާކޮށްފިއެވެ.

Ads by MPL

މި ބައްދަލުވުމުގައި މޯދީ ވަނީ ރަޝިޔާގެ ރައީސް ވްލަދިމީރް ޕުޓިންއަށް ހޫނު މަރުހަބާއެއް ރައްދުކުރައްވާ، އަދި ކުރިއަށް އޮތް 23 ވަނަ އިންޑިޔާ-ރަޝިޔާ އަހަރީ ސަމިޓަށް ޕުޓިން ވަޑައިގަތުމަށް އިންޑިޔާއިން ބޭނުންވާކަން ފާހަގަކުރައްވާފައެވެ. މި ބައްދަލުވުމުގައި ދެ ގައުމުގެ ދެމެދުގައި ހުރި އިސްތިރާޖީ ގުޅުން އިތުރަށް ހަރުދަނާކުރުމަށް މަޝްވަރާކުރެވުނެވެ.

މި ހަފްލާގައި ވާހަކަފުޅު ދައްކަވަމުން މޯދީ ވަނީ ދުނިޔޭގެ ކާބޯތަކެތީގެ ދާއިރާގައި އިންޑިޔާއަށް ލިބިފައިވާ ތިން މުހިންމު ބާރެއްގެ ވާހަކަ ފާހަގަކުރައްވާފައެވެ. އެއީ އެކި ވައްތަރުގެ ކާބޯތަކެތި އުފެއްދުމުގެ ޤާބިލްކަމާއި، އެތެރޭގެ ބާޒާރުގެ ޑިމާންޑް އަދި އުފެއްދުންތެރިކަމުގެ މިންވަރެވެ.

އިންޑިޔާގެ އިގްތިސާދީ ކުރިއެރުމާ ގުޅޭ ގޮތުން ވާހަކަދައްކަވަމުން މޯދީ ވިދާޅުވީ ވޭތުވެދިޔަ 10 އަހަރު ތެރޭގައި 250 މިލިއަން މީހުން ފަގީރުކަމުން މެދު ފަންތިއަށް އަރާފައިވާ ކަމަށެވެ. މީގެ އިތުރުން އިންޑިޔާއަކީ މިހާރު ދުނިޔޭގެ ތިންވަނައަށް އެންމެ ބޮޑު ސްޓާޓްއަޕް އިކޯސިސްޓަމް އޮތް ގައުމުކަން ފާހަގަކުރެއްވިއެވެ.

ސެޕްޓެމްބަރ 25 އިން 28 އަށް ދިއްލީގެ ބާރަތް މަންޑަޕަމްގައި ބޭއްވޭ "ވޯލްޑް ފުޑް އިންޑިޔާ 2025" ގައި 21 ގައުމަކުން ބައިވެރިވެއެވެ. މީގެ ތެރޭގައި ފްރާންސް، ޖަރުމަނު އަދި އެމެރިކާ ހިމެނެއެވެ. މި ހަފްލާގައި ސީއީއޯ ބައްދަލުވުންތަކާއި، ޓެކްނިކަލް ސެޝަންތަކާއި، ވިޔަފާރި ބައްދަލުވުންތައް ހިމެނެއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!