ޚަބަރު

ކެޔޮޅުންގެ އެވޯޑާއި ޚިދުމަތްތެރި ފަރުމަސްވެރިޔާގެ އެވޯޑަށް ކުރިމަތިލުމަށް ހުޅުވާލައިފި

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

މަސްވެރިންގެ ދުވަހުގެ މުނާސަބަތުގައި ހޮވާ ކެޔޮޅުންގެ އެވޯޑާއި ޚިދުމަތްތެރި ފަރުމަސްވެރިޔާގެ އެވޯޑަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.

Ads by STELCO

މަސްވެރިންގެ ދުވަސް ރާއްޖޭގައި ފާހަގަކުރަނީ ކޮންމެ އަހަރެއްގެވެސް ޑިސެމްބަރު މަހުގެ 10 ވަނަ ދުވަހުއެވެ. މިފަހަރު މަސްވެރިންގެ ދުވަހުގެ ރަސްމީ ޖަލްސާ ބޭއްވުމަށް،ކަނޑައަޅާފަވަނީ ރ. ދުވާފަރުގައެވެ. އެދުވަހު 3 އެވޯޑެއް ދިނުމަށް ކަނޑައަލައި އެ ވޯޑުތަކަށް ކުރިމަތިލުމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން ވަނީ ހުޅުވާލާފައެވެ.

އެއީ ހިތްވަރުގަދަ ޒުވާން ކެޔޮޅު، އެންމެ ތަޖުރިބާކާރު ކެޔޮޅު އަދި އާމްދަނީ ހޯދުމަށްކުރާ މައިގަނޑު މަސައްކަތަކަށް ފަރުމަހުގެ މަސްވެރިކަން ކުރާ ޚިދުމަތްތެރި ފަރުމަސްވެރިޔާގެ އެވޯޑެވެ. މި އެވޯޑަށް ކުރިމަތިލެވޭނީ މިހާރުވެސް މަސްވެރިކަމުގައި ޢަމަލީގޮތުން މަސައްކަތްކުރަމުންދާ ފަރާތްތަކަށެވެ.

ހިތްވަރުގަދަ ޒުވާން ކެޔޮޅުގެ އެވޯޑަށް ކުރިމަތިލެވޭނީ 35 އަހަރުގެ ދަށުގެ ކެޔޮޅުންނަށެވެ. އަދި ތަޖުރިބާކާރު ކެޔޮޅުގެ އެވޯޑަށް ކުރިމަތިލެވޭނީ 35 އަހަރުން މަތީގެ ކެޔޮޅުންނަށެވެ.

މި އެވޯޑަށް ކުރިމަތިލުމަށް ހުޅުވާލާފަވަނީ މިމަހުގެ 23ވާ ބުރާސަފަތި ދުވަހުގެ 14:00ގެ ނިޔަލަށެވެ. ފޯމު، މަސްވެރިކަމާ ބެހޭ ވުޒާރާގެ ވެބްސައިޓުން ލިބޭނެކަމަށް އެ ވުޒާރާއިން ވިދާޅުވިއެވެ.

މި އެވޯޑަށް އެދި އަމިއްލަ ޙައިސިއްޔަތުން ނުވަތަ އެހެން ފަރާތަކުންވެސް ހުށައެޅުމުގެ ފުރުސަތު އޮންނާނެކަމަށްވެސް މަސްވެރިކަމާބެހޭ ވުޒާރާއިން ވިދާޅުވިއެވެ. މި އެވޯޑަކީ ރާއްޖޭގައި މަސްވެރިކަމުގެ ސިނާޢަތުގައި މަސައްކަތްކުރާ ފަރާތަކުގެ މަސައްކަތް ބަލައިގަނެ، އަގު ވަޒަންކުރުމުގެގޮތުން ދިނުމަށް ނިންމާފަވާ އެވޯޑެކެވެ.

ރާއްޖޭގައި މަސްވެރިކަމުގެ ސިނާޢަތް ކުރިއެރުވުމަށް ސަރުކާރުން އަންނަނީ ގިނަގުނަ މަސައްކަތްތަކެއް ކުރިއަށްގެންދަމުންނެވެ. އެގޮތުން މުޅި ރާއްޖޭގެ އެކި ސަރަޙައްދުތަކަށް ބަހާލައިގެން އައިސް އުފައްދާ ނިޒާމާއި މަސް ފިނިކުރާ ނިޒާމުތައް އިތުރުކުރުމާއި އަގުހެޔޮކޮށް ތެޔޮ ލިބޭނެ އިންތިޒާމު ޤާއިމުކުރުމުގެ މަސައްކަތުގެ އިތުރުން، މަސްވެރިކަން ކުރާ އުޅަނދުތަކަށް ޒަމާނީ ވަސީލަތްތައް ހޯދުމަށް އެހީތެރިވުން ހިމެނެއެވެ. އަދި މަސްވެރިންނަށް ފައިސާ ދޫކުރުން ހަރުދަނާކުރުމުގެ މަސައްކަތުގެ އިތުރުން، މަހުގެ އުފެއްދުންތައް އުފައްދާ މިންވަރު އިތުރުކޮށް އެކްސްޕޯޓް ކެޕޭސިޓީވެސް ދަނީ އިތުރުކުރަމުންނެވެ.

Ads by Allied Insurance