ޓެކްސީ ލައިންގެ ބްރޭންޑިން އަށް ބަޔަކު ހޯދަނީ

ސަރުކާރުން ފަށަން ނިންމާފައިވާ ޓެކްސީ ލައިންސް ބްރޭންޑްކޮށް ދޭނެ ބަޔަކު ހޯދަން ހުޅުވާލައިފި އެވެ.
އެ ހިދުމަތް ދޭން ޓްރާންސްޕޯޓް މިނިސްޓްރީން ހަވާލުކޮށްފައި އޮތީ އެމްޓީސީސީ އެވެ. އެ ކުންފުނިން މިއަދު ކުރި އިއުލާނެއްގައި ބުނީ މާލެ ޓެކްސީގެ ބްރޭންޑިން މަސައްކަތްކޮށް ދޭން ޝައުގުވެރިވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.
އެގޮތުން މިކަމާ ބެހޭ ގޮތުން މައުލޫމާތު ދިނުމުގެ ސެޝަނެއް އަންނަ ބުދަ ދުވަހުގެ ހެނދުނު 10:00 ގައި ބާއްވަން ހަމަހެހިފައިވެ އެވެ. އެ ބައްދަލުވުން އޮންނާނީ ޒޮނެއިރިޔާ ބިލްޑިންގުގެ ތިން ވަނަބުރީގެ މީޓިންގް ރޫމަށެވެ.
ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ މި މަހުގެ 14 އާ ހަމައަށެވެ.
ސަރުކާރުގެ ޓެކްސީ ލައިންގެ ހިދުމަތް މި އަހަރުގެ ތެރޭގައި ފަށާނެ ކަމަށް ސަރުކާރުން ބުނެފައިވެ އެވެ. އެގޮތުން ޖުލައި މަހގެ ތެރޭގައި އެ ހިދުމަތް ފަށަން ކުރިން ޕްލޭން ކުރުމަށް ފަހު، ފަހުން އޮގަސްޓަށް ފަސްކުރި އެވެ. ނަމަވެސް އޭގެ ފަހުން އެ ޖިދުމަތް ފަށާނެ އިރަކާ ބެހޭ ތަފުސީލެއް މިނިސްޓްރީން ނުދެ އެވެ.
ތިމާވެއްޓާ ރައްޓެހި އިލެކްޓްރިކް ވެހިކަލް (އީވީ) ބޭނުންކޮށްގެން ތައާރަފު ކުރަން ހަމަޖެހިފައިވާ ޓެކްސީ ލައިންގެ ހިދުމަތް އެންމެ ފުރަތަމަ ފަށަން ނިންމާފައި އޮތީ މާލެ ސަރަހައްދުގަ އެވެ. އެހެންވެ ފުރަތަމަ ބްރޭންޑިން އަށް ބަޔަކު ހޯދަނީ ވެސް މާލެ ސަރަހައްދަށެވެ.
ޓެކްސީ ލައިންގެ ހިދުމަތް ދޭން ނިންމާފައި އޮތީ ތިން ފޭހަކަށް ބަހާލައިގެންނެވެ. އެގޮތުން ފުރަތަމަ ފިޔަވަހީގައި ހިދުމަތް ފަށާނީ މާލެ، ހުޅުމާލެ އަދި ވީއައިއޭއަށެވެ. އޭގެ ފަހުން 2026 އާއި 2027 ގައި ވިލިނގިއްޔާއި ތިލަފުށީގައި ހިދުމަތް ފެށުމަށް ފަހު ތިން ވަނަ ފިޔަވަހި ނިންމަން ކަނޑައަޅާފައި ވަނީ 2029 ގެ ނިޔަލަށެވެ.
އެންމެ ފަހުން ހިދުމަތް ފަށާނީ ރަސްމާލެ އާއި ގިރާވަރުފަޅާއި އައްޑޫގެ އިތުރުން ފުވައްމުލަކާއި ކުޅުދުއްފުށީގަ އެވެ.
ސަރުކާރުން ޓެކްސީގެ ހިދުމަތުގެ ތެރެއަށް ވަންނާތީ މާލެ ސަރަހައްދުގެ ޓެކްސީ ޑްރައިވަރުން ކަންބޮޑުވުން ފާޅުކޮށް އެކަން ހުއްޓާލަން ސަރުކާރަށް ތަކުރާރުކޮށް ގޮވާލާފައިވެ އެވެ.
