ޚަބަރު

އައްޑޫ ސިޓީ ކައުންސިލް ބައިބައި ކުރަން އަޒާން ދެކޮޅު

މުޙައްމަދު ޝިޔާމް ، ދެން އޮންލައިން
ހިތަދޫ މެދު ދާއިރާގެ މެމްބަރު އަހުމަދު އަޒާން މަރުޒޫގު

އައްޑޫ ސިޓީ ކައުންސިލްގެ ބަދަލުގައި އައްޑޫގެ ތިން ރަށެއްގައި ވަކި ރަށު ކައުންސިލް ހެދުމަށް ނަގާ ފެންނަ ނުފެންނަ ވޯޓުގައި ސިޓީ ކައުންސިލް ބައި ކުރަން ވޯޓު ނުދޭން، ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ މެންބަރު އަހުމަދު އަޒާން ގޮވާލައްވައިފި އެވެ.

Ads by STELCO

35,000 އެއްހާ މީހުންގެ ބޮޑު އަބާދީއެއް އޮންނަ އައްޑު އަތޮޅު ލާމަރުކަޒީ އުސޫލުން މިހާރު ހިންގަނީ އެއް ސިޓީ ކައުންސިލެއް ގޮތަށެވެ.

އެ ކަން ބަދަލުކޮށް ފޭދޫ، މީދޫ، އަދި ހުޅުދޫގައި ވަކިވަކި ކައުންސިލްތައް ހެދުމަށް އެ ރަށްރަށުގެ ރައްޔިތުން ދެކޭގޮތް ބަލަން ފެންނަ ނުފެންނަ ވޯޓު މި މަހުގެ 25ގައި އޮންނާނެ އެވެ.

އެ ވޯޓުގައި ހިތަދޫ ބައިވެރި ނުކުރި ނަމަވެސް އަޒާން ވިދާޅުވީ އައްޑޫ ރައްޔިތުންނަށް އޮތް އެންމެ ބޮޑޮ ބާރަވެރިކަމަކީ، މާލެ ފިޔަވައި އެންމެ ބޮޑޮ އާބާދީގެ ގޮތުގައި އެއް އަޑަކުން އަޑު އިއްވުމުގެ ފުރުސަތު އޮތުން ކަމަށެވެ.

"ވަކި ވަކި ކައުންސިލް ހަދައި، އައްޑޫ ސިޓީ ކައުންސިލުން ވަކި ވުމަކީ، މި ބާރަވެރިކަން އަތުން ބީވެ، އައްޑޫ ރައްޔިތުންނަށް ޖުމްލަ ގޮތެއްގައި ނިކަމެތިކަން ލިބުމުގެ ފުރުސަތު ވަރަށް ބޮޑު،" އަޒާން ލިއުއްވާފައިވެ އެވެ.

އަޒާން ވިދާޅުވީ ވެރިރަށް ހިތަދޫއަށް ވަރަށް ގިނަ ހިދުމަތްތަކަށް ބަރޯސާވާން ޖެހޭތީވެ ހުންނަ ދަތިތައް ގަބޫލުކުރައްވާ ކަމަށެވެ. ވަކި ކައުންސިލްތަކެއް ނުހަދައި ސިޓީ ކައުންސިލްގެ އިދާރީ އިންތިޒާމުތަކަށް ބަދަލުތަކެއް ގެނައުން މާ ރަނގަޅު ވާނެ ކަމަށް ލިއުއްވި އެވެ.

އަދި އެފަދަ ބަލުތަކެއް ގެންނަން އަޒާން ވެސް ތައްޔާރަށް ހުންނެވި ކަމަށް ވިދާޅުވި އެވެ.

"އަޅުގަނޑު އެދެނީ މި މަހު 25 ވަނަ ދުވެހި ނަގާ ވޯޓެ ފޭދޫ، މީދޫ އަދި ހުޅުދޫ ރައްޔިތުން ވެސް އައްޑޫ ވަކި ކައުންސިލްތައް ހަދަން ނުފެންނަ ކަމަށް ވޯޓު ދޭން،" އަޒާން ލިއުއްވާފައިވެ އެވެ.

އައްޑޫގައި މި ވޯޓު އޮންނާނެކަން ރައީސް ޑރ. މުހައްމަދު މުއިއްޒު އިއުލާން ކުރެއްވި ދުވަހު ވިދާޅުވީ ކޮންމެ ރަށަކަށް ވަކި ކައުންސިލެއް ހެދި ނަމަވެސް ހިތަދޫގައި ވަކި ސިޓީ ކައުންސިލެއް ހެދޭނެ ކަމަށެވެ.

ހިތަދޫގެ އާބާދީއަކީ 15,000 މީހުނެވެ. ލާމަރުކަޒީ ގާނޫނު ބުނާ ގޮތުން ރަށެއް ނުވަތަ ކައިރި ރަށްތަކެއްގެ އާބާދީ 10,000 މީހުން ހަމަވާނަމަ އެ ރަށެއް ނުވަތަ ކައިރި ރަށްތައް ސިޓީ ކައުންސިލެއް ހެދޭނެ އެވެ.

އައްޑޫގައި ނަގާ އެ ވޯޓުގައި ސަރުކާރުގެ ވަކި ސްޓޭންޑެއް އަދި ސަރުކާރުން ނެރެން ބޭނުންވާ ވަކި ނަތީޖާއެއް ނެތް ކަމަށް، މި ވޯޓު ނެގުމަށް ސަރުކާރު ކެބިނެޓުން ނިންމި ދުވަހުގެ ރޭ ރައީސް ވިދާޅުވި އެވެ.

 

 

 

Ads by HDC