ޚަބަރު

އުރީދޫއާ ގުޅިގެން ޕޭޕަލްގެ ހިދުމަތް ތައާރަފު ކުރާކަން އިއުލާންކޮށްފި

އިބްރާހީމް ހަމީޒް ، ދެން އޮންލައިން

ރާއްޖޭގައި ޕޭޕަލްގެ ހިދުމަތް ފަށަން އިންތިޒާމްތައް ހަމަޖެހިފައިވާކަން ސަރުކާރުން މިރޭ އިއުލާންކޮށްފި އެވެ.

Ads by MPL

ޕޭޕަލް އާއި އެހެނިހެން ޕޭމެންޓު ގޭޓުވޭތައް ގާއިމުކޮށްދެއްވުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެކެވެ. އަދި އެކަމާ ގުޅޭ ގުޅޭ މަޝްވަރާތައް އެ ކުންފުންޏާއެކު ބާއްވައި ޕްރޮޕޯސަލްވެސް ހުށަހަޅާފައިވާ އިރު އެކަމުގެ އިންތިޒާމްތައް ހަމަނުޖެހި ދިގުލަމުންދާތީ އާންމުންގެ ފާޑުކިއުންތައް އޮތީ ވަރަށް ބޮޑަށް އަމާޒުވެފަ އެވެ.

އިކޮނޮމިކް މިނިސްޓްރީން މިރޭ ނެރުނު ބަޔާނުގައި އުރީދޫ ފެންޓިކް ޕާޓްނަރެއްގެ ގޮތުގައި ހަމަޖައްސައި ޕޭޕަލްއާ ގުޅިގެން އެ ހިދުމަތް ތައާރަފްކުރަން މިހާރު އިންތިޒާމްތައް ހަމަޖެހިފައިވާ ކަމަށެވެ.

އުރީދޫން ބުނެފައިވާ ގޮތުގައި އަންނަ އަހަރު އޭޕްރީލްގައި އެ ހިދުމަތް ރާއްޖެއަށް ތައާރަފު ކުރާނެ އެވެ.

މިނިސްޓްރީން ބުނީ ޕޭޕަލްގެ ހިދުމަތް ފެށުމަށްޓަކައި ފާއިތުވި ދެ އަހަރުގެ ތެރޭގައި ޕޭޕަލްއާއި ކަމާ ބެހޭ ގިނަ ފަރާތްތަކާއެކު ގިނަ މަސައްކަތްތަކެއް ކުރެވިފައިވާ ކަމަށެވެ.

"އެހެންކަމުން ރާއްޖޭގައި ޕޭޕަލްގެ ހިދުމަތް ރާއްޖޭގައި ފެށިގެން ދިއުމަކީ ރާއްޖޭގެ މާލީ ނިޒާމް ހަރުދަނާކުރުމަށާއި އަދި އީޖާދީ ޑިޖިޓަލް ހައްލުތައް ހޯދޭނެ ފަދަ މާހައުލެއް ގާއިމުކޮށްދިނުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތަށް ލިބުނު ބޮޑު ކުރިއެރުމެކެވެ." މިނިސްޓްރީގެ ބަޔާނުގައި ބުނެފައި ވެއެވެ.

ޤަވާއިދުން ހިދުމަތްތައް އަޕްޑޭޓް ކުރަމުންދާ ޕޭޕަލް އަކީ ގިނަ ބަޔަކު ބޭނުންކުރާ އަދި އިތުބާރު ކުރެވޭ އޮންލައިން ޕޭމަންޓް ޕްލެޓްފޯމެއްގެ ގޮތުގައި ދެމިއޮތް ކުންފުންޏެކެވެ.

ރާއްޖޭން މިހާރު ޕޭޕަލް މެދުވެރިކޮށް ކުރެވޭ ކަމަކީ ފައިސާ ފޮނުވުމެވެ. އެހެންވެ އިންޓަނެޓް މެދުވެރިކޮށް ހިންގާ ވިޔަފާރީގެ އެކި މުއާމަލާތްތަކާއި އާމްދަނީ ލިބޭ މަސައްކަތްތަކަށް ފައިސާ ލިބެން މިކަން ވެފައި ވަނީ ހުރަހަކަށެވެ.