ސިނގިރޭޓް ވައްކަމުގެ މައްސަލާގައި ހައްޔަރުކުރި މުއާޒް މިފްކޯ އިން ސަސްޕެންޑްކޮށްފި

އެމްޕީއެލްގެ ބަނދަރުގައި ބަހައްޓާފައި ހުރި 40 ފޫޓުގެ ދެ ކޮންޓެއިނަރެއް، އޭގައި ހުރި 13.6 މިލިއަން ސިނގިރޭޓާއެކު ވަގަށް ގެންދިޔަ މައްސަލާގައި ހައްޔަރުކުރި މިފްކޯގެ ޖެނެރަލް މެނޭޖަރެއް ކަމަށްވާ މުއާޒު އަލީ ސަސްޕެންޑްކޮށްފި އެވެ.
މުއާޒު ހުންނެވީ ސަރުކާރުގެ މަސް ކުންފުނި، މިފްކޯގެ އިންޖިނިއަރިން އެންޑް ޕްރޮޖެކްޓްސް ޑިޕާޓްމަންޓްގެ ޖެނެރަލް މެނޭޖަރަކަށެވެ. މިފްކޯ އިން ބުނި ގޮތުގައި އޭނާ ސަސްޕެންޑްކުރީ 30 ދުވަހަށެވެ.
މުއާޒް ސަސްޕެންޑްކުރީ މުސާރަ ލިބޭ ގޮތަށް ކަމެއް ނޫން ކަމެއް އަދި ނޭނގެ އެވެ.
އަދި މިފްކޯގެ އިންޖިނިއަރިން އެންޑް ޕްރޮޖެކްޓްސް ޑިޕާޓްމަންޓުގެ އިންޖިނިއަރިން ޔުނިޓްގެ ހިންގުން ހަވާލުކުރީ މެނޭޖަރު މުހައްމަދު ޝަމީމްއާ އެވެ. އަދި އިންޖިނިއަރިންގ ޔުނިޓް ހަވާލުކުރީ ކޮންސަލްޓެންޓް އިންޖިނިއާ އުބައިދުﷲ ޙުސައިންއާ އެވެ.
ހިނގައިގެން އުޅޭ މައްސަލަތަކާ މިފްކޯއާ ގުޅުމެއް ނެތް ކަމުގައި ވީނަމަވެސް، ކުންފުނީގެ ޒިންމާދާރު މަގާމުތަކުގައި ތިއްބަވާ ބޭފުޅުންގެ ނަޒާހަތްތެރިކަމާ ގުޅުންހުރި މައްސަލަތަކަކީ މެނޭޖްމަންޓުން ވަރަށް ސީރިއަސްކޮށް ނަގާ މައްސަލަތަކެއްކަން މިފްކޯ އިން ފާހަގަކުރި އެވެ.
މި ގޮތުން ކުންފުނީގެ އިތުބާރާއި ގަދަރު ހިފެހެއްޓުމަށްޓަކައި އާ ރޫޙެއްގައި ކުރަމުންދާ މަސައްކަތްތަކާއެކު އަޅަން ޖެހޭ މިފަދަ ފިޔަވަޅުތައް އަޅަމުންދާނެ ކަމުގެ ޔަގީންކަން މެނޭޖްމަންޓުން ރައްޔިތުންނަށް ދޭ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.
ސިނގިރޭޓު ކާޓޫނުތައް ހުރި ދެ ކޮންޓެއިނަރު ވަގަށް ނެގުމަށްފަހު އެ ތަނުގައި އެ ޒާތަށްހުރި ދެ ކޮންޓެއިނަރު ބަހައްޓާފައި، މި ކަން ކުރި ކަން ގޮތް ނޭނގޭ ނަންބަރަކުން ސަރުކާރުގެ ވެރިންނަށް އެންގި ކަމަށް މައުލޫމާތު ލިބެ އެވެ.
މި މައްސަލާގައި ހައްޔަރުކުރި މީހުންނަކީ:
- މއ. އެވާ ގްލޯރީ، އަހުމަދު އާރިފް - ލޮޓަސް ކުންފުނީގެ ވެރިޔާ (61އ) - ބަންދަށް 15 ދުވަސް
- ދިގަލި، ބ، އޭދަފުށި، މުހައްމަދު ވަހީދު- އެޕޯލޯގެ ވެރިޔާ (65އ) ބަންދަށް 10 ދުވަސް
- ހ. ނިއު ހެޕިންސް، މާލެ، މުއާޒު އަލީ (48އ) - ބަންދަށް 5 ދުވަސް
- މެދުރީގެ، ހދ. ވައިކަރަދޫ، ޒިވާރު އިސްމާއިލް (40އ) - ބަންދަށް 15 ދުވަސް
