ޚަބަރު

ސަރުކާރުން ގިނަ އެއާޕޯޓް އަޅަނީ ޒިންމާދާރުކަން ކުޑަކަމުން: ނަޝީދު

މުޙައްމަދު ޝިޔާމް ، ދެން އޮންލައިން

ސްޕީޑް ބޯޓެއްގައި ދެވޭހާ ކައިރިކައިރީގައި އެއާޕޯޓްތައް އަޅަނީ ޒިންމާދާރުކަން ކުޑަ ކަމުން ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު މިރޭ ވިދާޅުވެއްޖެ އެވެ.

Ads by STELCO

އެއާޕޯޓްތަކަށް ސަރުކާރުތަކުން ގެންގުޅޭ ސިޔާސަތަށް ނަޝީދު މި ފަހަރު ފާޑުވިދާޅުވީ، ރައީސް ޑރ. މުހައްމަދު މުއިއްޒު ށ. އަތޮޅަށް ކުރެއްވި ދަތުރުގެ ތެރެއިން ތިން އެއާޕޯޓެއްގެ މަސައްކަތް އެމްއޭސީއެލްއާ ހަވާލުކޮށްފައި ވަނިކޮށެވެ.

އަތޮޅު ފެރީގެ ނިޒާމު ފުޅާކުރެއްވި ނަޝީދު ވިދާޅުވީ ރާއްޖޭގެ އުތުރުގައި މިހާރު ވެސް ހަތަރު އެއާޕޯޓް އޮއްވައި، އިތުރު ހަތަރު އެއާޕޯޓް އަޅަނީ19 މިނެޓާ36 މިނެޓާ ދޭތެރޭގައި ސްޕީޑް ބޯޓެއްގައި ދެވޭހާ ކައިރީގައި ކަމަށެވެ.

"ނަތީޖާއަކީ ހުރިހާ އެއާޕޯޓެއްގެ ވެސް އިގުތިސޯދީ އަދި މާލީ ދެކޮޅު ޖެހުމެއް ނެތުން. ގައުމީ އެއާލައިނަށް ދެއުޅިއެއް ނުވާ ހަރަދުތަކަށް ހިންގާން ޖެހުން. އަދި ލޯކަލް ޓޫރިޒަމަށް ވެސް ކުރާންވީ މަންފާނުކުރުން،" ނަޝީދު ލިއުއްވާފައިވެ އެވެ.

"ސްޕީޑް ބޯޓެއްގައި ދެވޭ ހިސާބުގައި އެއާޕޯޓަކަށްފަހު އެއާޕޯޓެއް އަޅަމުން ދިއުމުން ފެންނަނީ ދަތުރުފަތުރުގެ ގުޅިފައިވާ ނިޒާމެއްގެ އަމާޒާއި ޕްލޭން ނެތްކަމާއި ޒިންމާދާރުކަން ކުޑަކަން،" ގެސްޓް ހައުސްގެ ސިޔާސަތު ވެސް ފުޅާ ދާއިރާއެއްގައި އެންމެ ފުރަތަމަ ހިންގެވި ނަޝީދު ވިދާޅުވި އެވެ.

އުތުރުގައި މި ވަގުތު ޑޮމެސްޓިކް ތިން އެއާޕޯޓަކާއި އިންޓަނޭޝަަނަލް އެއާޕޯޓަކަށް ތަރައްގީކުރާ އެއާޕޯޓެއް އެބަ އޮތެވެ. އެއީ ހދ. ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓާއި، ހއ. ހޯރަފުށި އެއާޕޯޓާއި، ހދ. ކުޅުދުއްފުށި އެއާޕޯޓާއި، ށ. ފުނަދޫ އެއާޕޯޓެވެ.

ރައީސް ށ. އަތޮޅަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން އަމަލީ މަސައްކަތް ފެއްޓެވީ ށ. ކޮމަންޑޫއާއި، ށ. ބިލެތްފަހި، އަދި ށ. މިލަންދޫ އެއާޕޯޓްގެ މަޝްރޫއެވެ. އަދި ހއ. ދިއްދޫ އާއި ހދ. މަކުނުދޫގައި ވެސް އެއާޕޯޓެއް ތަރައްގީ ކުރުމުގެ މަސައްކަތް ސަރުކާރުން ދަނީ ކުރަމުންނެވެ.

 

Ads by HDC
  1. ތަދޯ

    އެއަރޕޯރޓް ރާއްޖެތެރޭ ރަށްރަށުގައި ގާތް ގާތު އެޅުން އެއީ މައްސަލަ އެއް ކަމަށް މަމެން ނުދެކެމޭ މިސާލަކަށް އައްޑޫ ހެރެތެރެ ރިސޯރޓާއި އިންވެގެން އިންޓަރނޭޝަނަލް އެއަރޕޯރޓެއް އޮތުން އެއީ އެރިސޯރޓްގެ ވިޔާފާރި ކުރިއަރައިގެންދާނެ ކަމެކޭ ހއ. އަތޮޅު އަދި ހދ. އަތޮޅު އަދި ށ. އަތޮޅު އަދި ނ. އަތޮޅުގައި ގިނަ އެއަރޕޯރޓް ތަކެއް އެބަހުންނަން ޖެހޭ އެ ތިން އަތޮޅުގައި ޓޫރިޒަމް އެކަށީގެންވާ ވަރަށް ތަރައްގީ ނުވެގެން އުޅެނީ ބޭނުންވާ އަދަދަށް އެއަރޕޯރޓް ތައް ނުހުންނާތީއޭ މިސާލަކަށް ސިޔާމް ވޯލްޑް ނުވަތަ ނ. ދިގު ފަރުގާތު އޮތް ފަޅެއް ހިއްކާ އެެއަރޕޯރޓް އަޅާ އަދި އެ ރިސޯރޓް ގައި 15 ބުރިއަށް ހޮޓާ އަޅަން ސަރުކާރުން ހުއްދަ ދީ ރިސޯރޓް ގައި 1 މިލިއަން ގެސްޓް ރޫމް ހުރެއްޖެނަމަ އެއަރޕޯރޓް ފީސްބްލް ވާނެއޭ ހަމަ އެގޮތަށް ގާފަރު ފަޅު ހިއްކާ އެތަނުގައި އެއަރޕޯރޓް އަކާއި 150 ބުރީގެ ހޮޓާ ފީންނެއް އަޅައިފިނަމަ އެއަރޕޯރޓް ފީސްބްލް ވާނެއޭ ކެނެރީގެ ނަޝީދަކީ އިގްތިސާދީ އިލްމް ކިޔަވައިގެން ހުރި މީހަކަށް ނުވާތީވެ އޭނާ ދައްކާ ކަނޑުކޮސް އިގްތިސާދީ ވާހަކަ އަޑުއަހަން ހެޔޮނުވާނެއޭ އޭނާ އަތުގައި އޮންނަނީ ޑިޕްލޮމާ ގަނޑެކޭ އެވެސް މެރިން އެންވަޔަރުމެންޓޭ އެއީ ދެން ކޯއްޗެއްތޭދޯ…