ޚަބަރު

ހިންނަވަރުގައި 100 ހައުސިން ޔުނިޓު އަޅަން އަންނަ އަހަރުގެ ބަޖެޓުގައި ހިމަނާނަން: ރައީސް

އިބްރާހީމް ހަމީޒް ، ދެން އޮންލައިން
ރައީސް މުއިއްޒު ހިންނަވަރުގައި ވާހަކަ ދައްކަވަނީ--

ޅ. ހިންނަވަރުގައި 100 ހައުސިން ޔުނިޓު އަޅަން އަންނަ އަހަރުގެ ބަޖެޓުގައި ހިމަނުއްވާނެކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

Ads by STELCO

ދެ އަތޮޅަކަށް މިއަދު ފެއްޓެވި ދަތުރުފުޅުގައި ހިންނަވަރަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސް މުއިއްޒު ވިދާޅުވީ ހިންނަވަރަކީ އާބާދީ ބޮޑު، ބައިބޯ ރަށެއް ކަމަށެވެ.

އަދި ގެދޮރުވެރިކަމާއި ބޯހިޔާވަހިކަމުގައި ރައްޔިތުންނަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކުން އަރައިގަތުމަށް ސަރުކާރުން ކުރެއްވުމަށް ނިންމަވާފައިވާ ކަންކަމުގެ ތަފުސީލު އެމަނިކުފާނު ހިއްސާކުރެއްވި އެވެ.

އެގޮތުން، އަންނަ އަހަރުގެ ބަޖެޓުގައި ހިމަނުއްވާފައިވާ 100 ހައުސިންގ ޔުނިޓު ތަރައްގީކުރުމުގެ މަޝްރޫއުގެ އިތުރުން، ހިންނަވަރުގައި ހިއްކާފައިވާ ސަރަޙައްދު އާބާދުކުރުމަށް ބޭނުންވާ ފެނާއި، ކަރަންޓާއި ނަރުދަމާގެ ނިޒާމު ޤާއިމުކުރެއްވުމުގެ މަސައްކަތްވެސް ހަލުވި ދުވެލީގައި ފުރިހަމަ ކޮށްދެއްވާނޭކަމުގެ ޔަގީންކަން އެމަނިކުފާނު ދެއްވިއެވެ.

އޭގެ އިތުރުން މިހާރު ހިންނަވަރުގައި ހުއްޓުމަކަށް އައިސްފައިވާ ގެދޮރުވެރިކަމުގެ މަޝްރޫއުގެ މަސައްކަތް ހަވާލުކޮށްފައިވާ ކުންފުނިން އެ މަސައްކަތް ކުރިއަށް ނުގެންދާތީ، އެ ކުންފުންޏާއެކު ވެފައިވާ އެއްބަސްވުން އުވާލައި، އެހެން ފަރާތަކާ ހަވާލުކޮށްގެން އެ މަސައްކަތްވެސް އަލުން ފައްޓަވާނޭކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ހިންނަވަރުގެ ބަނދަރުގެ މަސައްކަތް ކުރިއަށްގެންދަވާނީ، ބޭރު ތޮށި އުސްކޮށް، ބޭރު ތޮށީގައި އުޅަނދުފަހަރު އެޅޭނޭގޮތަށް ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

އަދި ކުރިއަށް އޮތް ތިން މަސް ދުވަހުގެ ތެރޭގައި، ރަށުގެ ކުންޏާއި ވަސީލަތް މެނޭޖުކުރުމުގެ މަސައްކަތާ ވެމްކޯއިން ހަވާލުވާނޭކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

އޭގެ އިތުރުން، އަންނަ އަހަރުގެ ބަޖެޓުގައި ހިމަނުއްވައިގެން ރަށުގައި ސްވިމިން ޓްރެކަކާއި ސްޕޯޓްސް ކޮމްޕްލެކްސް އެއް ތަރައްގީކުރައްވާނޭކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.