ޚަބަރު

ދައުލަތަށް ގެއްލުން ނުވާގޮތަށް ޓާޓާ އަތުން ޅޮއްސަފުށި ނަގަން ދަނީ މަސައްކަތް ކުރަމުން: ރައީސް

އިބްރާހީމް ހަމީޒް ، ދެން އޮންލައިން
ރައީސް މުއިއްޒު ކުރެންދޫގެ ކައުންސިލްއާ ބައްދަލުކުރެއްވުން--

ރިސޯޓެއް ތަރައްގީކުރަން އިންޑިއާގެ ޓާޓާ ކުންފުންޏަށް ދީފައިވާ ރަށް، ޅ. ޅޮއްސަފުށި ދައުލަތަށް ގެއްލުން ނުވާނެ ގޮތަށް އެ ކުންފުނީގެ އަތުން ނަގަން މަސައްކަތް ކުރަމުންދާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

Ads by MPL

ދެ އަތޮޅަށް މިއަދު ފެއްޓެވި ދަތުރުފުޅުގައި ޅ. ކުރެންދޫއަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސް ވިދާޅުވީ އެ ރަށަށް ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލައަކީ އެ ރަށުގެ ބިމުގެ ޖާގައިގެ ދަތިކަން ކަމަށެވެ. އެހެންވެ ކުރެންދޫއާއި  ކައިރީގައި އޮތް "ޅޮއްސަލަފުށި" އެ ރަށުގެ ބައެއްގެ ގޮތުގައި ހަދައިދިނުމަށް މަސައްކަތް ކޮށްދޭނެ ކަމަށް ކުރިން އެމަނިކުފާނު ދެންނެވިކަން މިއަދު ވެސް ފާހަގަކުރެއްވި އެވެ،

އެހެން ނަމަވެސް  އެ ރަށަކީ، ކުރީގެ ސަރުކާރަކުން އެހެން މަޝްރޫއެއްއްގެ ބޭނުމަށް ހަވާލުކޮށްފައި އޮތް ރަށެއް ކަމަށާއި އަދި އެ ފަރާތުން، ދެ ޕާޓީއަކާއެކު އެގްރީމަންޓް ހަދައި އަދި ބޭރުގެ ފަރާތްތަކަކާއެކު އެގްރީމަންޓް ހަދާފައި އޮތް ރަށެއް ކަންވެސް ރައީސް ފާހަގަކުރެއްވި އެވެ.

"އެގްރީމަންޓްގެ ޓަރމްސްތަކާއި، ގާނޫނުތަކާއި، ގަވާއިދުތަކުގެ ތެރެއިން އެ ރަށް، ދައުލަތަށް ގެއްލުންނުވާ ގޮތަށް ނަގައި، އަޅުގަނޑު ދެންނެވި ފަދައިން، ތިޔަބޭފުޅުންނާ ހަވާލުކުރުމުގެ މަސައްކަތް ކުރިއަށް އެބަދޭ,"

"..އެހެން ނަމަވެސް، އަދި ނުއެއްނިމޭ. އެހެންވީމާ، އެ މީހުންނާ އެ މަޝްވަރާކުރެވި، އެމިކަބަލްކޮށް، ދެފަރާތުން އެއްބަސްވާގޮތަށް، ދައުލަތަށް ގެއްލުންނުވާ ގޮތަށް، އަދި އެ ކުންފުނިން އެ ކުރަމުންދިޔަ މަސައްކަތާ ގުޅުވައިގެން ދޭންޖެހޭ ބަދަލު، ނޫނީވިއްޔާ އެ ރަށުގެ ބަދަލުގައި އެހެން ރަށެއް ދޭންޖެހެންޏާވިޔަސް، އެ ތަފުސީލުތައް ނިމުނުހާ އަވަހަކަށް، އަޅުގަނޑު ހިތުން މި މައްސަލަ ނިންމާލެވޭނެ." ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ޅޮއްސަފުށި އަލުން ހޯދަން ކުރަމުންދާ މަސައްކަތް ކާމިޔާބުވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.