ދުވާލަކު 3200 ޑޮލަރު ނެގޭ، ބީއެމްއެލް ވިސާ ޕްލެޓިނަމް ކާޑު ތަޢާރަފްކޮށްފި
ބޭންކް އޮފް މޯލްޑިވްސް، ބީއެމްއެލް އިން ވިސާ ޕްލެޓިނަމް ކާޑު ތައާރަފްކޮށްފިއެވެ. މި ކާޑުން ރާއްޖޭގައި ދުވާލަކު 3200 ޑޮލަރު އަދި ރާއްޖެއިން ބޭރުގައި 5000 ޑޮލަރު ނެގޭނެ ކަމަށް ބީއެމްއެލުން ވިދާޅުވިއެވެ.
ބީއެމްއެލް އިން ވިސާ ޕްލެޓިނަމް ކާޑު ތައާރަފްކޮށްފައިވަނީ "ދިވެހީންގެ ބޭންކް – މުޅި ރާއްޖެއަށް" ކެމްޕޭނު އިފްތިތާހުކުރުމަށް ބާސެލޯ ނަސަންދުރާގައި ބޭއްވި ރަސްމިއްޔާތުގައެވެ. މި ކާޑު އިފްތިތާހްކޮށްދެއްވީ އިޤުތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދެވެ.
ބީއެމްއެލުން ވިދާޅުވީ މި ކާޑަށް މިހާރުވެސް އިންޓަރނެޓް ބޭންކިންގ ނުވަތަ މޯބައިލް އެޕް މެދުވެރިކޮށް ހުށަހެޅޭނެ ކަމަށެވެ.
މި ކާޑުން ބީއެމްއެލްގެ އޭޓީއެމްތަކުން ދުވާލަކު މިހާރު ނެގޭ އަދަދަށްވުރެ ދެ ގުނަ ބޮޑު އަދަދެއް ނެގޭނެއެވެ. އެގޮތުން 3200 ޑޮލަރު ނެގޭނެ ކަމަށާއި ރާއްޖެއިން ބޭރުގައި ޑޮލަރު އެކައުންޓުން ދުވާލަކު 5000 ޑޮލަރު ބޭނުންކުރެވޭނެ ކަމަށް ބީއެމްއެލުން ވިދާޅުވެއެވެ.
ވިސާގެ ބައިނަލްއަގުވާމީ އޮފަރތަކާއި، 24 ގަޑިއިރު ވީސާ ޕްލެޓިނަމް ކޮންސިއާފް ޚިދުމަތްވެސް ލިބޭނެ ކަމަށް ބީއެމްއެލުން ވިދާޅުވެއެވެ.
