ރަތްރޮނގު ހިމާޔަތް ކުރައްވާ ހޯއްދަވާ ކާމިޔާބީތަކަށް ރައީސްއަށް ޝުކުރު ދަންނަވަން: ދިފާޢީ ވަޒީރު
ދިވެހި އަސްކަރިއްޔާ ސިޔާސަތެއްގެ ދަށުން ރަތްރޮނގު ހިމާޔަތް ކުރައްވާ ހޯއްދަވާ ކާމިޔާބީތަކަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއަށް މަރުޙަބާއާއި ޝުކުރު ދަންނަވާކަމަށް ދިފާޢީ ވަޒީރު މުޙައްމަދު ޣައްސާން މައުމޫން ވިދާޅުވެއްޖެއެވެ.
ނަޞްރުންގެ ދުވަހުގެ ޚާއްޞަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ ވޭތުވެދިޔަ 15 އަހަރު ވަޠަނުގެ ދިފާޢަށް އަޅާނުލެވި އޮތްއޮތުމަށް ރައީސުލްޖުމްހޫރިއްޔާގެ އިސްނެންގެވުމުގެ މަތިން ޤައުމު މިނިވަން ކުރެވޭފަދަ އަސްކަރިއްޔާއަކަށް ދިވެހި އަސްކަރިއްޔާ ހެދުމުގެ މަސައްކަތް ފެށިފައިވާކަމަށާއި ވޭތުވެދިޔަ 2 އަހަރު ގިނަ ލަނޑުދަނޑިތަކެއް އަސްކަރިއްޔާ ޙާޞިލްކޮށްފައިވާ ކަމަށެވެ.
އޭގެތެރެއިން މިދިޔަ އަހަރު ނަޞްރުންގެ ދުވަހު ރައީސް އިއުލާން ކުރެއްވި ވަޠަނީ ޚިދުމަތުގެ ޕްރޮގުރާމް ފަށައި މި އަހަރުގެ ނަޞްރުންގެ ދުވަހުގެ ޖަލްސާގައި އެ ދަރިވަރުން ބައިވެރިވާކަމަށާއި ޝަހީދުވެދިޔަ އަބްޠާލުންގެ ޚިދުމަތާ މެދު ވިސްނައި އެ ދަރިވަރުން ހަވާލުވި ޒިންމާގެ ބޮޑުކަން އަބަދުވެސް ހަނދާންކުރުމަށް ވަޠަނީ ޕްރޮގުރާމުގެ ބައިވެރިންނަށް ވަޒީރު ނަޞޭޙަތްތެރިވިއެވެ.
"ތިޔަ ހަވާލުވަނީ ކޮންޒިންމާއަކާކަން އަބްޠާލުންގެ ޚިދުމަތުގެ އަލީގައި ވިސްނަވަން ފައްޓަވަން އެންމެ މުނާސަބު އެއްދުވަސް. ﷲ އިރާދަކުރެއްވިއްޔާ ތިޔަކުދިން ވާނީ ތިޔަކުދިންގެ ދަރީންގެ ދަރީންނަށް ޤައުމު މިިނިވަންކަމާ އެކު ވާޞިލްކޮށްދޭނެ ޖީލަކަށް" ދިފާޢީ ވަޒީރު ވިދާޅުވިއެވެ.
މީގެ އިތުރުން އެމަނިކުފާނު ވިދާޅުވީ އެމްއެންޑީއެފް މެރިންކޯގެ ޤާބިލިއްޔަތު އިތުރުކުރުމަށް ރައީސް އިއުލާން ކުރެއްވި މަސައްކަތާއި އަދި ކޯސްޓްގާޑުގެ ޤާބިލިއްޔަތު ދެގުނަ ކުރެއްވުމަށް އިއުލާން ކުރެއްވި މަސައްކަތްތައް ކާމިޔާބުވަމުން އަންނަކަމަށެވެ.
"ދިވެހިރާއްޖޭގެ މިނިވަންކަމާއި ސިޔާދަތާއި އިސްތިޤުލާލުގެ ހިމާޔަތުގައި ފަލަ ރަތް ރޮނގެއް ދަންމަވާ ވަށައި ޖެހޭ ދުރުވިސްނޭ އަސްކަރީ ސިޔާސަތެއްގެ ދަށުން ރަތްރޮނގު ހިމާޔަތް ކުރެވޭފަދަ ދިފާޢީ ބާރަކަށް ބަދަލު ކުރައްވަން ރެއާއި ދުވާލު ކުރައްވާ މަސައްކަތުގައި ޝާމިލްވެ ހޯއްދަވާ ގިނަގުނަ ކާމިޔާބީތަކަށް ރައީސުލްޖުމްހޫރިއްޔާއަށް މަރުޙަބާއާއި ޝުކުރު ދަންނަވަން." ވަޒީރު ޣައްސާން ވިދާޅުވިއެވެ.
ނަޞްރުންގެ ދުވަހު ޝަހީދުވި އަބްޠާލުން ވެވަޑައިގެންނެވި ޤުރުބާނީއާއި ދިވެހިން ދެއްކެވި ހިތްވަރު ފާހަގަކުރައްވައި އެ ހިތްވަރަށް އެ މަނިކުފާނު ޝުކުރު އަދާކުރެއްވިއެވެ.
