ޚަބަރު

ހުޅުމާލެ ޕޮލިހުގެ ވެރިޔާ މަގާމުގެ މަސްއޫލިއްޔަތުތަކުން ދުރުކޮށްފި

އިބްރާހީމް ހަމީޒް ، ދެން އޮންލައިން
ފުލުހުންގެ އޭސީޕީއަށް ޕްރޮމޯޓްކުރި ދާއޫދު / ފޮޓޯ: މިހާރު

ހުޅުމާލެ ޕޮލިހުގެ އެންމެ އިސްވެރިޔާގެ މަގާމުގައި ހުންނެވި އެސިސްޓެންޓް ޕޮލިސް ކޮމިޝަނަރު މުހައްމަދު ދާއޫދު މަގާމުގެ މަސްއޫލިއްޔަތުތަކުން ދުރުކޮށްފިއެވެ.

Ads by STELCO

ދާއޫދުގެ ކޮރަޕްޝަންގެ ބޮޑެތި މައްސަލަތަކެއް މިދިޔަ މަހުގެ މެދު ތެރޭ ހިލުނީ ފުލުހުންގެ ވެލްފެއާ ކުންފުނި ޕޮލްކޯއިން ހިންގި ބްލޫ ހައުސިންގެ މަޝްރޫއާ ގުޅޭ އޮޑިޓް ރިޕޯޓާ ގުޅޭ މައްސަލަ ބަލަން ހެދި ސަބް ކޮމިޓީގެ ބައްދަލުވުމުގައި މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް އެކަން ފާހަގަކުރެއްވުމުންނެވެ.

އަދި އެ މައްސަލަ ހިލުނުތަނާ ދާއުދު 14 ދުވަހުގެ ޗުއްޓީއެއް ނެންގެވުމުން ހުޅުމާލެ ޕޮލިސް ހިންގުން އެސިސްޓެންޓް ކޮމިޝަނަރު އަހުމަދު މުހައްމަދު (ޓޫފޯ)އާ ވަގުތީ ގޮތުން އޮތީ ހަވާލުކޮށްފަ އެވެ.

ދާއޫދުގެ ޗުއްޓީ ހަމަވެފައިވާ އިރު ފުލުހުން ބުނީ އޭނާ މިހާރު ހުޅުމާލެ ޕޮލިސްގެ ވެރިޔާގެ މަސްއޫލިއްޔަތުތަކުން ދުރުކޮށްފައިވާ ކަމަށެވެ. އަދި އެ މަގާމަށް ޓޫފޯ އަނެއްކާ ވެސް ހަމަޖައްސާފައިވާ ކަމަށް ވެސް ބުންޏެވެ.

ކުރިން ފުލުހުންގެ ޗީފް ސުޕްރިންޓެންޑެންޓްގެ މަގާމުގައި ހުންނެވި ދާއޫދު އެސިސްޓެންޓް ކޮމިޝަނަރުގެ މަގާމަށް ޕްރޮމޯޓްކުރީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުއެވެ.

ކުރިން 2021ވަނަ އަހަރު ޕޮލިސް ބޯޑުގެ ލަފާގެ މަތިން ވަކިކުރަން ނިންމި އޮފިސަރުންގެ ތެރޭގައި ވެސް ދާއޫދު ހިމެނުނެވެ. ނަމަވެސް ފަހުން ސިވިލް ކޯޓަށް އެ މައްސަލަ ހުށަހެޅުމުން ވަނީ އެ ނިންމުމަށް އަމަލުކުރަން ހުއްޓުވައި އަދި ބޯޑުގެ ނިންމުން ވެސް ބާތިލުކުރުމާ އެކު އޭނާގެ ވަޒީފާ ނުގެއްލި އޮތީއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!