ޚަބަރު

ރާއްޖެއިން ހައްޖަށްދާ 50 ޕަސެންޓް ހައްޖާޖީން ސައުދީ އެއާލައިންގައި ގެންދަނީ

އިބްރާހީމް ހަމީޒް ، ދެން އޮންލައިން
ސައުދީ އެއާލައިންއާއި ހައްޖު ކޯޕަރޭޝަންއާ ދެމެދު އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން--

ރާއްޖެއިން ހައްޖަށްދާ 50 ޕަސެންޓް ހައްޖާޖީން ސައުދީ އެއާލައިންގައި ގެންދަން ނިންމައިފިއެވެ.

Ads by STELCO

މިހާރު ސައުދީގައި ކުރިއަށްދާ ޙައްޖު ކޮންފަރެންސް އެންޑް އެގްޒިބިޝަންގައި ހައްޖު ކޯޕަރޭޝަންއާއި ސައުދީ އެއާލައިންއާ ދެމެދު އެކަމާ ގުޅޭ އެއްބަސްވުމެއްގައި ވަނީ ސޮއި ކޮށްފައެވެ.

އެ އެއްބަސްވުމުގައި ހައްޖު ކޯޕަރޭޝަންގެ ފަރާތުން ސޮއިކުރެއްވީ އެ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޝަކީލްއެވެ. އަދި ސައުދީ އެއާލައިންގެ ފަރާތުން ސޮއިކުރެއްވީ އެ އެއާލައިންއިން ރާއްޖެ، އިންޑިއާ އަދި ސްރީލަންކާއަށް ކަނޑައަޅާފައި ހުންނަ އެ އެއާލައިން މެނޭޖަރު އިއްސަމް އަލް ހަބްސީއެވެ.

ނަމަވެސް އެ އެއްބަސްވުމާ ބެހޭ އިތުރު ތަފްސީލެއް ހައްޖު ކޯޕަރޭޝަންއިން ނުދެއެވެ.

ސައުދީ އެއާލައިންގައި ރާއްޖޭގެ ހައްޖާޖީން ހައްޖަށް ގެންދަން ނިންމިއިރު މި އަހަރު ވަނީ މޯލްޑިވިއަންގެ ފްލައިޓެއްގައި ވެސް ދިވެހީން ހައްޖަށް ގެންގޮސްފައެވެ.

އާންމުކޮށް ދިވެހީން ހައްޖަށް ގެންދަނީ ޗާޓަރު ފްލައިޓްތަކުގައެވެ.

ރާއްޖެއަށް ސައުދީން ދެނީ 1000 ހައްޖު ކޯޓާއެވެ. އެހެން ނަމަވެސް އެވަރު މަދުކަމުން އެ ކޯޓާ އިތުރުކުރެވޭތޯ ސަރުކާރުން ދަނީ މަސައްކަތް ކުރަމުންނެވެ.

އެގޮތުން އެހެން ގައުމުތަކަށް ދީފައި ހުންނަ ކޯޓާގެ ތެރެއިން އެ ގައުމުތަކުން ބޭނުން ނުކޮށް ހުންނަ ކޯޓާ، ކޯޓާ އިތުރަށް ބޭނުންވާ ގައުމުތަކުން ބޭނުން ކުރެވޭ ގޮތަށް ސައުދީއިން ކުރިއަށް ގެންދާ (ހައްޖު މުބާޝިރު) އިނިޝިއޭޓިވްއިން ރާއްޖެއަށް ފުރުސަތު ހޯދަން އިސްލާމިކް މިނިސްޓްރީން ސައުދީއާ އެކު ވަނީ މަޝްވަރާކޮށްފައެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!