ޚަބަރު

ކަނޑުގެ އަމާންކަން ހޯދުމަށް ދުނިޔޭގެ މަޖިލިސްތަކުން ހަރުކަށި ފިޔަވަޅު އަޅަން ގޮވާލައިފި

މުޙައްމަދު ޝިޔާމް ، ދެން އޮންލައިން

ޓެރަރިޒަމާ ދެކޮޅަށާއި ކަނޑުތައް އަމާންކުރަން ގައުމުތަކުގެ ގާނޫނު ހަދާ މަޖިލިސްތަކުން ހަރުކަށި ފިޔަވަޅުތަކެއް އެޅުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ މިއަދު ގޮވާލައްވައިފި އެވެ.

މަޖިލީހުގެ ރައީސް، ފޮނަދޫ ދާއިރާގެ މެންބަރު އަބްދުއްރަހީމް މި ކަމަށް ގޮވާލެއްވީ ޕާކިސްތާނުގައި ބޭއްވި އިންޓަ ޕާލިމެންޓްރީ ކޮންފެރެންސްގަ އެވެ.

އެ މަނިކުފާނުގެ ވާހަކަފުޅުގައި، އަންހެނުންނާއި ކުޑަކުދިންނަށް ކުރިމަތިވަމުންދާ ތަކުލީފާއި ގޮންޖެހުންތަކާ މެދު ވެސް ކަންބޮޑުވުން ފާޅުކުރައްވައިފަ އެވެ.

ގާނޫނު ހަދާ މަޖިލިސްތަކުގެ އިސްވެރިންނަށް އޯގާތެރިކަމާއި ޒިންމާދާރުކަމާއެކު އަމަލު ކުރެއްވުމަށް އިލްތިމާސްކުރެއްވިއެވެ.

"ބިރުވެރިކަމާއި އަނިޔާވެރިކަމުގެ މައްޗަށް އަމާން ދުނިޔެއެއް ބިނާ ނުކުރެވޭނެ. އަމާން ދުނިޔެއެއް ބިނާކުރެވޭނީ އުއްމީދާއި އިންސާފާއި އިންސާނީ އެއްބައިވަންތަކަމުގެ މައްޗަށް،" އަބްދުއްރަހީމް ވިދާޅުވި އެވެ.

ޓެރަރިޒަމް އާއި، ކަނޑުގެ އަމާންކަން ނެތުމުގެ އިތުރުން ސައިބަރ ރިސްކުތައް ފަދަ ނުރައްކާތަކާ ދެކޮޅަށް ވެސް ގާނޫނު ހަދާ މަޖިލިސްތަކުން ހަރުކަށި ފިޔަވަޅުތަކެއް އެޅުމަަށް ރައީސް ގޮވާލެއްވިއެވެ.

އަދި، ޕާލިމެންޓަރީ ޑިޕްލޮމެސީއާއި ގާނޫނު ހަދާ މަޖިލިސްތަކުގެ އެއްބާރުލުން އިތުރުކުރުމަށް، ސިއޯލް ޑެކްލެރޭޝަންގެ މައްޗަށް ބިނާކޮށް އިސްލާމްއާބާދު ޑެކްލެރޭޝަން އެކުލަވާލުމަށް ރައްޔިތުންގެ މަޖިލީހުން އެހީތެރިވުން ފޯރުކޮށްދޭނެކަން އެ މަނިކުފާނު ކަށަވަރުކޮށްދެއްވިއެވެ.

މަޖިލީހުގެ ރައީސްގެ ތަގުރީރު ނިންމަވާލެއްވީ، ޕާކިސްތާނާއި އައިއެސްސީގެ މެންބަރު ގައުމުތަކުގެ ގާނޫނު ހަދާ މަޖިލިސްތަކާ ގުޅިގެން ހުރިހާ ގައުމުތަކުގެ ރައްޔިތުންނަށް ހަމަޖެހުމާއި އިންސާފާއި ތަނަވަސްކަން، އަދި ކުރިއެރުމަށް ރާއްޖެއިން ދޭ އަހައްމިއްޔަތުކަން ފާހަގަކުރައްވަމުންނެވެ.

Ads by Ooredoo