ޚަބަރު

ނިއުޒީލެންޑް އިން ރާއްޖެއަށް ޓޫރިސްޓުން އިތުރުކުރަން މަޝްވާރާކޮށްފި

މުޙައްމަދު ޝިޔާމް ، ދެން އޮންލައިން

ނިއުޒީލެންޑް އިން ރާއްޖެއަށް ޒިޔާރަތްކުރާ ޓޫރިސްޓުން އިތުރު ކުރުމަށް މިއަދު މަޝްވަރާކޮށްފި އެވެ.

Ads by MPL

ނިއުޒިލޭންޑް ސަރުކާރުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޑޭވިޑް ޕައިން ވަނީ މިއަދު ޓުއަރިޒަމް މިނިސްޓަރު ތޯރިގު އިބްރާހީމްގެ އަރިހަށް ޒިޔާރަތް ކުރައްވައިފަ އެވެ.

އަދި ނިއުޒީލެންޑުން ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު އިތުރުކުރުމަށާއި، ދެ ގައުމުގެ ދެމެދުގައި ފަތުރުވެރިކަމުގެ ދާއިރާއިން އިތުރަށް ގުޅުން ބަދަހިކުރުމާ ގުޅޭ ގޮތުން މަޝްވަރާކުރެއްވި އެވެ.

މި ބައްދަލުކުރެއްވުމުގައި، ދެ ގައުމުގެ ދެމެދުގައި އޮތް ގާތް ގުޅުން އިތުރަށް ބަދަހި ކުރުމާއި، މޫސުމަށް އަންނަ ބަދަލުތަކާ ބެހޭ ގޮތުން ވެސް ދެ ބޭފުޅުން މަޝްވަރާކުރެއްވި އެވެ.

ރާއްޖެއަށް އެންމެ ގިނަ ޓޫރިސްޓުން އަންނަ ގައުމުތަކުގެ ތެރޭގައި ނިއުޒީލެންޑް ނުހިމެނެ އެވެ. ޓޫރިޒަމް މިނިސްޓްރީން ކޮންމެ ދުވަހަކު ނެރޭ ތަފާސްހިސާބުގައި ހިމެނެނީ އެންމެ ގިނައިން ޓޫރިސްޓުން އަންނަ 10 ގައުމެވެ. އެ ލިސްޓުގައި ނިއުޒިލޭންޑު ނުހިމެނެ އެވެ.

އެންމެ ފަހުން މި މަހުގެ 11 ވަނަ ދުވަހު އާންމުކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އައި ގައުމުތަކަކީ ޗައިނާ، ރަޝީއާ، އިނގިރޭސިވިލާތް، ޖަރުމަނު، އިޓަލީ, އިންޑިއާ، އެމެރިކާ، ފްރާންސް، ސްޕެއިން އަދި އޮސްޓްރޭލިއާ އެވެ.