ގައުމެއް ދިރިއޮތުމުގެ އަސްލަކީ އަންހެނުން: މެޑަމް ސާޖިދާ
ގައުމެއް ދިރިގެން އައުމުގެ އަސްލަކީ އަންހެނުން ކަމަށް ފަސްޓް ލޭޑީ، މެޑަމް ސާޖިދާ މުހައްމަދު ވިދާޅުވެއްޖެ އެވެ. އެކަމަނާ އެހެން ވިދާޅުވީ ރޭ ބޭއްވި 2024 އަދި 2025 ގެ ރެހެނދި އެވޯޑު ހަފްލާގައި ވާހަކަ ދައްކަވަމުންނެވެ.
މެޑަލް ސާޖިދާ ވިދާޅުވީ ކޮންމެ އިންސާނެއްގެ ވެސް ފުރަތަމަ މުދައްރިސް، އެހީތެރިޔާ، ހިޔާވަހި އަދި މަދަރުސާ އަކީ މައިމީހާ ކަމަށެވެ. އަދި، ގައުމަށް އެކި ރޮނގުރޮނގުން ހިދުމަތް ކުރާ މީހުން ބިނާކުރުމުގައި މައިންވާ ގުރުބާނީ އާއި އަދާކުރާ ޒިންމާތަކާއި، ދޭ ލޯތްބާއި، ދައްކާ ނަމޫނާ އެކަމަނާގެ ވާހަކަފުޅުގައި ފާހަގަކުރެއްވި އެވެ.
އަންހެނުން ކޮންމެ ވާޖިބެއް އަދާކުރިކަމުގައި ވިޔަސް، މައިވަންތަކަމުގެ ވާޖިބު ހަނދާނުގައި ބަހައްޓަންޖެހޭކަން ފާހަގަކުރައްވައި ވިދާޅުވީ، އަންހެނުން އެކި ދާއިރާތަކުން ކުރިއަރައިގެން ދަނީ އެ ޒިންމާތަކާ އެކުގައި ކަމަށެވެ.
ބަދަލުވަމުން އަންނަ ގެވެށި، ފަންނީ އަދި އިޖުތިމާއި ޒިންމާތަކަށް އިޝާރާތް ކުރައްވަމުން މެޑަމް ސާޖިދާ ވިދާޅުވީ، ފަންނިއްޔާތަށް އަހުލުވެރިކުރުމާއި، ވިޔަފާރީގެ އާ ގޮތްތައް އީޖާދު ކުރުމާއި، ސިޔާސީ ފުރުސަތުތަކަށް ތައްޔާރުވުމަކީ މުހިންމު ކަމެއް ކަމަށެވެ.
ރޭގެ ހަފުލާގައި 14 އަންހެނަކަށާއި، ހިލޭ ސާބަހަށް މަސައްކަތް ކުރާ ޖަމިއްޔާއަކަށް ރެހެނދި އެވޯޑު ލިބިފައިވެ އެވެ. އެފަރާތްތަކަށް އެވޯޑާއި ބުރޫޗް ހަވާލުކޮށްދެއްވީ މެޑަމް ސާޖިދާ އެވެ.
