އޭޓީއެމްގެ ހިދުމަތާއެކު މާލޭގެ އެކި ސަރަހައްދުތަކުގައި ބަސް ސްޓޮޕްތަކެއް ގާއިމް ކުރަނީ
މާލޭގެ ހަތަރު އެކި ސަރަހައްދުތަކުގައި އޭޓީއެމްގެ ހިދުމަތާއެކު، ބަސް ސްޓޮޕް އިމާރާތްތަކެއް ތަރައްގީ ކުރުމަށް މާލެ ސިޓީ ކައުންސިލުން، މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.
މިއީ މިގޮތަށް މާލޭގައި މުޅިން އަލަށް ގާއިމް ކުރެވޭ ވަސީލަތްތަކެކެވެ.
މި އެއްބަސްވުމުގައި ސިޓީ ކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ ސެކްރެޓަރީ ޖެނެރަލް، އަބްދުލް މުހައިމިން ނަސީރެވެ. އެމްއައިބީގެ ފަރާތުން ސޮއި ކުރެއްވީ ސީއީއޯ، މުހައްމަދު ޒުލާލް ޒައީމެވެ.
ސިޓީ ކައުންސިލުން ބުނީ، މި އެއްބަސްވުމަކީ ފާހަގަކުރެވޭ މިންވަރަށް މާލޭގެ އާންމު ދަތުރުފަތުރުގެ ވަސީލަތްތައް ތަރައްގީކޮށް، ރައްޔިތުންނަށް ލިބޭ ހިދުމަތްތައް ފަސޭހަކުރުމަށް އަމާޒުކޮށްގެން، މާލޭގެ ހަތަރު ސަރަހައްދެއްގައި އިމާރާތް ކުރުމަށް ހަމަޖެހިފައިވާ މަޝްރޫއެއް ކަމަށެވެ.
އެ ސަރަހައްދުތަކަކީ؛
- މަޖީދީމަގުގައި ހުންނަ މާފަންނު މައިޒާން
- އަމީނީ މަހުގައި ހުންނަ ސިނަމާލެ 3
- ބޮޑުތަކުރުފާނު މަގުގައި ހުންނަ ތައިސޭކޮށި
- ބޮޑުތަކުރުފާނު މަގުގައި ހުންނަ ރާޅުގަނޑު ސަރަހައްދު
މި މަޝްރޫއުގެ ޖުމްލަ ހަރަދު ކުރާނީ އެމްއައިބީ އިންނެވެ. މި އެއްބަސްވުމުގެ ދަށުން، 10 އަހަރުގެ މުއްދަތަށް ތަނު ކުލި ދައްކާކަށް ނުޖެހޭނެ އެވެ.
އެގޮތުން ކައުންސިލުން ބުނީ ބަސް ސްޓޮޕް އިމާރާތްތަކާއި، އޭޓީއެމް ކިއޮސްކްތައް ހިމެނޭ މި ވަސީލަތްތައް ފަރުމާކޮށް، އިމާރާތްކޮށް އަދި ބެލެހެއްޓުމުގެ ޒިންމާ ނަގާނީ އެމްއައިބީން ކަމަށެވެ. އަދި އެއްބަސްވުމުގެ މުއްދަތު ހަމަވުމުން، އިމާރާތް ކުރެވިފައިވާ ތަންތަނާއި ދާއިމީ ސްޓްރަކްޗާތައް ބިމުގައި ދެމި ހުންނާނެ ކަމަށާއި، އެތަންތަން އޭގެ ފަހުގައި ވެގެންދާނީ ކައުންސިލްގެ ތަނެއްގެ ގޮތުގައި ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.
