ޚަބަރު

ގޫގުލް އިން ރާއްޖެއަށް އިންވެސްޓްކުރުމަކީ ޑިޖިޓަލް ދާއިރާ ކުރިއެރުވުމަށް ލިބުނު ބާރެއް: ރައީސް

މުޙައްމަދު ޝިޔާމް ، ދެން އޮންލައިން
ރައީސް މުއިއްޒު ފެރިދޫގައި ވާހަކަ ދައްކަވަނީ-- ފޮޓޯ/ ރައީސް އޮފީސް

ގޫގުލް އިން ރާއްޖެއަށް އިންވެސްޓްކުރުމަކީ ޑިޖިޓަލް ދާއިރާ ކުރިއެރުވުމަށް ލިބިގެން ދިޔަ ބާރެއް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ ގޫގުލްގެ މި ނިންމުމަކީ ރާއްޖޭގެ ސިޔާސީ ހަމަޖެހުމާއި، ވިޔަފާރީގެ ދާއިރާގައި ހުރި ފެންނަ ފަދަ، އަދި އިންވެސްޓަރުންނަށް އެކުވެރި މާހައުލަށް ދުނިޔޭގެ ފެންވަރުގައި ކުރާ އިތުބާރުގެ ވަރުގަދަ ސިގްނަލެއް ކަމަށެވެ. އަދި މި ކަމުގެ ސަބަބުން ރައީސް ގެންގުޅުއްވާ ހުވަފެނަށް ވާސިލްވުމަށް ލިބުނު ބާރެއް ކަމަށެވެ.

"ގޫގުލް އިން ރާއްޖޭގައި އިންވެސްޓް ކުރަން ނިންމި ނިންމުމަކީ، ރާއްޖޭގެ ދެމެހެއްޓެނިވި ދެފުށް ފެންނަ އަދި އިންވެސްޓަރުންނާ ރައްޓެހި މާހައުލަށް ބައިނަލްއަގުވާމީ އިތުބާރު އޮތް މިންވަރު ހާމަވެގެންދާ ކަމެއް،" ރައީސް ވިދާޅުވިއެވެ.

މި މަޝްރޫއުގެ ސަބަބުން ރާއްޖޭގެ އިގްތިސޯދު އިތުރަށް ހަރުދަނާވެ، ޑިޖިޓަލް ގޮތުން ބާރުވެރިކުރުވައި ސަރަހައްދީ ޑިޖިޓަލް ހަބަކަށް ދިވެހި ގައުމު ބިނާވެގެންދާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

ގޫގުލް އިން ރާއްޖެއަށް އިންވެސްކޮށްގެން އައްޑޫ ހިތަދޫގައި ސަބްމެރިން ކޭބަލް ލޭންޑިން ސްޓޭޝަނަކާއި ނެޓްވޯކް ފެސިލިޓީއެއް ހެދުމަށް އިންވެސްޓު ކުރުމަށް ނިންމާފައި އެވެ. މިކަން އިކޮނޮމިކް މިނިސްޓްރީ އިން ހާމަ ކުރީ މިރޭގެ އެވެ.

އިކޮނޮމިކް މިނިސްޓްރީ އިން ބުނީ މިއީ ރައީސް ޑރ. މުހައްމަދު މުއިއްޒު މިދިޔަ އަހަރު ނިއު ޔޯކަށް ކުރެއްވި ދަތުރުފުޅު ތެރެއިން ގޫގުލްގެ މެނޭޖުމަންޓާއެކު ކުރެވުނު މަޝްވަރާތަކުގެ ތެރެއިން ނިންމުނު ކަމެއް ކަމަށެވެ.

މި މަޝްރޫއުއާއެކު ރާއްޖެ ވެގެންދާނީ ސަރަހައްދުގެ މުއާސަލާތީ މަރުކަޒަކަށް ކަމަށް ވެސް މިނިސްޓްރީ އިން ބުނެފައިވެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!