މިސްކިތްތަކަށް ގެއްލުން ދިނުމަކީ ޓެރަރިޒަމްގެ ކުށެއް ކަމަށް ހެދުމަށް ބިލެއް
މިސްކިތްތަކަށް ގެއްލުން ދިނުމަކީ ޓެރަރިޒަމްގެ ކުށަކަށް ހެދުމަށް ރައްޔިތުންގެ މަޖިލީހަށް އެމްޑީޕީގެ ފަރާތުން ބިލެއް ހުށަހަޅައިފިއެވެ.
ޓެރަރިޒަމް މަނާ ކުރުމުގެ ގާނޫނު އިސްލާހު ކުރުމަށް މި ބިލު މަޖިލީހަށް ހުށަހެޅުއްވީ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ)އެވެ.
ބިލު ހުށަހަޅުއްވި ސަބަބެއްގެ ގޮތުގައި ބަޔާންކޮށްފައި ވަނީ، ގާނޫނުއަސާސީގެ 10 ވަނަ މާއްދާގައި، ދިވެހި ދައުލަތުގެ ދީނަކީ އިސްލާމްދީން ކަމަށް ބަޔާންކޮށްފައިވާއިރު، 100 ޕަސެންޓް މުސްލިމުން ދިރިއުޅޭ މި ގައުމުގައި، މިސްކިތްތަކަށް ގެއްލުން ދިނުމަކީ އާންމު ކަމަކަށްވާތީ ކަމަށެވެ.
އަދި، އެފަދަ އަމަލުތައް ތަކުރާރުވަމުންދާތީ، އެފަދަ އަމަލުތަކަކީ މިސްކިތްތަކުގެ ކަރާމާތަށް އުނިކަން ލިބޭ ފަދަ އަމަލުތަކަކަށްވާތީ، މިސްކިތުގެ ކަރާމާތް ހިފެހެއްޓުމަކީ އިސްލާމް ދީނަށް ހުރުމަތްތެރިކޮށް ހިތުމުގެ ތެރެއިންވާ ކަމެއް ކަމަށް ވެސް ބަޔާންކޮށްފައި ވެއެވެ.
"އެފަދަ އަމަލުތައް ޓެރަރިޒަމްގެ އަމަލުތަކުގެ ތެރޭގައި ހިމެނުމަކީ މުހިންމު ކަމެއް ކަމަށްވާތީ ހުށަހަޅާ އިސްލާހެއް،" ކުޑޫ ހުށަހެޅުއްވި ބިލުގައި ވެއެވެ.
އެ ބިލުގައި ވަނީ ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގެ 4 ވަނަ މާއްދާގެ ށ. ގެ 7 ވަނަ ނަމްބަރުގެ ފަހަތަށް ނަމްބަރެއް އިތުރުކޮށް، "މިސްކިތަށް ގެއްލުން ދިނުން" ހިމެނުމަށެވެ. އެ ނަމްބަރުގައި ހިމަނައިފައި ވަނީ މިސްކިތަށް ދޭ ގެއްލުންތަކަކީ ޓެރަރިޒަމްގެ ކުށެއް ކަނޑައެޅޭނެ ސަބަބުތައް ބަޔާންކޮށްފައެވެ.
