ޔުނާން އާއި ޝަމްހާން: ޓްވިންސްތަ؟ ވައްތަރުތަ؟

ރާއްޖޭގެ ޓިކްޓޮކް އެކައުންޓުތަކެއް ވެސް ވެރިފައި ވާން ފަށާފައިވުމުން، އިތުރަށް ވެރިފައި ވީ ކޮން އެކައުންޓުތަކެއްތޯ ބަލާލަން ޓިކްޓޮކަށް ވަދެލީމެވެ.
އެގޮތުން ދިވެހި ފިލްމީތަރި މުޙައްމަދު ޔުނާން އާއެކު "އަލީ ޝަމްހާން" ކިޔާ މީހަކު ލާފައި އިން ވަރަށް ރީތި ޓިކްޓޮކް އެއް ފެނުމުން އެއަށް ކޮށްފައި ހުރި ކޮމެންޓުތައް ކިޔާލީމެވެ. ލިބުނީ ވަރަށް ބޮޑު ހައިރާން ކަމެކެވެ.
އެވީޑިއޯއަށް ކޮމެންޓު ކޮށްފައިހުރި ގިނަ މީހުން ބުނެފައިވަނީ ޔުނާން އާއި ޝަމްހާން ވަރަށް ވައްތަރު ކަމަށެވެ.
އޭނާގެ އެހެން ޓިކްޓޮކް ތަކެއް ވެސް ބަލައިލީމެވެ. އެވީޑިއޯއަށް ވެސް ގިނަ މީހުން ކޮށްފައިވަނީ ހަމަ އެކޮމެންޓެވެ. އެދެމީހުން ވައްތަރު ވާހަކައެވެ. ބައެއް މީހުން ޔުނާން ޓެގް ވެސް ކޮށްފައި، ޝަމްހާން އެއީ ޔުނާން ގެ ޓްވިންސެއްތޯ ނުވަތަ ކޮއްކޮއެއްތޯ ވެސް ސުވާލު ކޮށްފައި ހުއްޓެވެ. ޖަވާބުގައި ޔުނާން ބުނެފައިވަނީ ނޫނެކޭ އެވެ.

މިކަމާއި ގުޅޭގޮތުން އިތުރަށް މައުލޫމާތު ހޯދާލުމަށާއި ޔުނާން ޝަމްހާން ދަންނަނީ ކިހިނެއްތޯ ބަލާލުމަަށް ގުޅާލީމެވެ.
"ދެން" އަށް މައުލޫމަތު ދެމުން ޔުނާން ބުނީ ކުރިން އޭނާ ޝަމްހާން ނުދަންނަ ކަމަށާއި ނަމަވެސް ޓިކްޓޮކް ގައި މީހުން އެދެމީހުން ވައްތަރޭ ބުނެ ޓެގްކޮށް ކުރާތީ އޭނާއާއި ވާހަކަ ދައްކާފައި، އެކީގައި ޓިކްޓޮކް އެއް ވެސް ހެދީ ކަމަށެވެ. އަދި މިހާރު އެދެމީހުންނަކީ ދެ އެކުވެރިން ކަމުގައި ވެސް ޔުނާން ބުންޏެވެ.

ޝަމްހާން މިކަމާއި ގުޅޭގޮތުން ބުނީ އެދެމީހުން ވަރަށް ވައްތަރޭ މީހުން ކުރިން ކިޔަސް އޭނައަށް ވައްތަރު ނުވާ ކަމަށާއި ނަމަވެސް އެއް ދުވަހު އޭނަގެ މަންމައަށް ފޮޓޯ ދެއްކީމަ ވައްތަރޭ ބުނި ހިސާބުން އޭނާވެސް އެވާހަކަ ޤަބޫލުކުރަން ފެށީ ކަމަށެވެ.