ޚަބަރު

ޖިންސީ ފުރައްސާރައިގެ މައްސަލައެއްގައި ފެރިދޫ ކައުންސިލް ރައީސް ސަސްޕެންޑުކޮށްފި

ފާތިމާ އިބްރާހީމް ، ދެން އޮންލައިން
ފެރިދޫ ކައުންސިލް ރައީސް އިސްމާޢީލް ޝާހު / ފޮޓޯ: ދެން މީޑިއާ

ޖިންސީ ފުރައްސާރައިގެ މައްސަލައެއްގައި އއ.އަތޮޅު ފެރިދޫ ކައުންސިލް ރައީސް އިސްމާޢީލް ޝާހު ސަސްޕެންޑުކުރުމަށް ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލްޖީއޭ)އިން މިއަދު ނިންމައިފިއެވެ.

Ads by MPL

އެލްޖީއޭއިން ނެރުނު ނޫސް ބަޔާނެއްގައި ވަނީ ފެރިދޫ ކައުންސިލް ރައީސް، އެ ކައުންސިލްގެ އިދާރީ މުވައްޒަފަކަށް ޖިންސީ ފުރައްސާރަ ކުރިކަން މަދަނީ މިންގަނޑުން ސާބިތުވެފައިވާ ކަމަށާއި އެއީ ޤާނޫނުން ކައުންސިލްގެ ރައީސަށް މަތިކޮށްފައިވާ ޒިންމާއާ ޚިލާފު ޢަމަލެއްކަމަށެވެ. އަދި އިސްމާޢީލް ޝާހް، ފެރިދޫ ކައުންސިލް ރައީސްގެ މަގާމުން 3 މަސް ދުވަހަށް ސަސްޕެންޑުކޮށް، މުސާރައާއި އިނާޔަތްތައް ވެސް ނުލިބޭނެކަމަށް އެ ބަޔާނުގައި ވެއެވެ.

މި މައްސަލަ ވަޒީފާއާ ބެހޭ ޓްރައިބިއުނަލްއަށް ހުށަހެޅުނީ ޖޫން މަހުގެ 16ވަނަ ދުވަހު ކަމަށާއި ސެޕްޓެމްބަރު މަހު 21ވަނަ ދުވަހު ޝާހުގެ މައްޗަށް އެ މައްސަލަ ސާބިތުވާކަމަށް ވަނީ ހުކުމްކޮށްފައެވެ. އަދި އެފަދަ ކަމެއް ތަކުރާރު ނުކުރުމަށް އަންގައިފައިވާނެކަމަށް އެ ބަޔާނުގައި ވެއެވެ.

ޓްރައިބިއުނަލްގެ ނިންމުން އިސްތިއުނާފަށް ހުށަހެޅުމަށް 30 ދުވަހުގެ މުއްދަތެއް އިސްމާޢީލް ޝާހަށް ދިން ނަމަވެސް، އެ މުއްދަތުގައި އެ މައްސަލަ އިސްތިއުނާފުކޮށްއި ނުވާކަމަށް އެލްޖީއޭއިން ބުނެފައި ވެއެވެ.