ލަންކާ ތޫފާނުގެ އަސަރެއް ރާއްޖެއަކަށް ނެތް، ބޯކޮށް ވާރޭވެހޭނެ:މެޓް
އަވައްޓެރި ލަންކާ ކައިރީގައި އުފެދިފައިވާ ތޫފާނުގެ އަސަރު ރާއްޖެއަށް ނުކުރާނެކަމަށާއި ރާއްޖޭގެ އެކި ހިސާބަށް ބޯކޮށް ވާރޭވެހޭނެކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ބުނެފިއެވެ.
ލަންކާ ސަރަހައްދުގައި އުފެދިފައިވާ ތޫފާން ދަތުރު ކުރަމުންދަނީ އެ ޤައުމުގެ އައްސޭރި ފަށުން އުތުރަށްކަމަށާއި ތޫފާނުގެ މިސްރާބު ހުރީ އިންޑިއާގެ ޓެމިލްނާޑާ ދިމާއަށްކަމަށް މެޓް އޮފީހުން ބުނެއެވެ. އަދި ތޫފާންގެ މިސްރާބު ހުރީ ރާއްޖެއާ ދުރަށްކަމަށާއި ތޫފާނުގެ ސީދާ އަސަރު ރާއްޖެއަށް ނުކުރާނެ ކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ބުނެއެވެ.
ނަމަވެސް ކުރިއަށް އޮތް 24 ގަޑިއިރު ދެކުނާއި މެދުރާއްޖެތެރެއަށް ގުގުރުމާ އެކު ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. އަދި ވިލާގަނޑުގައި 40 މޭލަށް ވައި ގަދަވާނެކަމަށް ވެސް ލަފާ ކުރެވޭކަމަށް މެޓް އޮފީހުން ބުނެއެވެ.
އެހެންކަމުން ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށާއި ސަލާމަތީ ގޮތުން ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ސަމާލުކަން ދިނުމަށް ދިފާއީ ބާރުން އިލްތިމާސްކުރެއެވެ. އަދި ކަނޑު ދަތުރުފަތުރުތަކުގައި ކޮންމެހެން ކުރަންޖެހޭ ދަތުރެއް ފިޔަވައި، އެހެން ދަތުރުތައް ނުކުރުމަށް ވެސް ޤައުމީ ދިފާއީ ބާރުން އިލްތިމާސްކުރެއެވެ.
ސްރީލަންކާއަށް ކުރަމުންދާ ވިއްސާރައިގައި ބޮޑެތި ގެއްލުންތަކެއްވެ، ފެން ބޮޑުވުމާއި ބިންގަނޑު ކަނޑައިގެން ދިއުމުގެ ޙާދިސާތަކުގައި މިހާތަނަށް މަރުވި މީހުންގެ އަދަދު 40 މައްޗަށް އަރާފައިވާކަމަށާއި ގެންލުނު މީހުންގެ އަދަދު 20 ވުރެ މައްޗަށް އަރާނެކަމަށް އެ ގައުމުގެ މީޑިއާތަކުން ބުނެފައިވެއެވެ.

