ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ޓިކެޓްގައި ވާދަކުރާނެ ކެނޑިޑޭޓެއް ހޮވުމަށް ބާއްވާ ޕްރައިމަރީގައި ވާދަކުރުމަށް، އެކަމަށް ޝައުޤުވެރިވާ ފަރާތްތަކަށް އެ ޕާޓީން ހުޅުވާލައިފިއެވެ.
ޕީއެންސީން އާންމުކޮށްފައިވާ ޢިއުލާނެއްގައި ވަނީ، އެ ފުރުސަތުތަކަށް ޝައުޤުވެރިވާ ފަރާތްތަކުން މި މަހުގެ 15ވާ ހޯމަ ދުވަހުގެ އިރުއޮއްސި 06:00ގެ ކުރިން ފޯމު ހުށަހެޅުމަށެވެ. އަދި ކުރިމަތިލާ ފަރާތަކީ ޕީއެންސީގެ ދަފްތަރުގައި ރަސްޓްރީވެފައިވާ ފަރާތެއް ނުވަތަ ރަޖިސްޓްރީވުމަށް އިލެކްޝަން ކޮމިޝަނަށް ފޯމު ހުށަހަޅާފައިވާ ފަރާތަކަށް ވާންވާނެކަމަށެވެ.
ޕީއެންސީން މި ޕްރައިމަރީ ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ، މި މަހުގެ 27ވަނަ ދުވަހުގެ ހެނދުނު 09:00ން ހަވީރު 04:00އަށެވެ. އަދި މި ޕްރައިމަރީގައި ވާދަކުރުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ 10 މަޤާމަކަށެވެ. އެއީ:
- ސިޓީ މޭޔަރު
- ސިޓީ ކައުންސިލް މެންބަރު
- ސިޓީ ކައުންސިލް އަންހެން މަންބަރު
- ސިޓީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސް
- ސިޓީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރު
- ރަށު ކައުންސިލް ރައީސް
- ރަށު ކައުންސިލް މެންބަރު
- ރަށު ކައުންސިލް އަންހެން މެންބަރު
- ރަށު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސް
- ރަށު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރު
ޕީއެންސީއަކީ މި ވަގުތު ރާއްޖޭގައި ހަރަކާތްތެރިވާ ސިޔާސީ ޕާޓީތަކުގެ ތެރެއިން އެންމެ ގިނަ މެންބަރުން ރަޖިސްޓްރީކޮށްފައިވާ ޕާޓީއެވެ. އިލެކްޝަން ކޮމިޝަނުން އާންމުކޮށްފައިވާ ގޮތުން ޕީއެންސީގެ ދަފްތަރުގައި 68،665 މެންބަރުން ވަނީ ރަޖިސްޓްރީކޮށްފައެވެ.

