އަޅުގަނޑު އެމްޑީޕީން ދިޔައީކީ ނޫން، ބޭރުކޮށްލީ: އާޒިމް
މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)އިން، އެ ޕާޓީގެ މެންބަރު ޢަލީ އާޒިމް އަމިއްލަށް ދިޔައީ ނޫން ކަމަށާއި އެ ޕާޓީން ބޭރުކޮށްލީކަމަށް އޭނާ ބުނެފިއެވެ.
"ވިރާސީ އެކޯ"ގައި ކުރިއަށްދިޔަ ޕްރޮގްރާމެއްގައި ވާހަކަ ދައްކަމުން ޢަލީ އާޒިމް ބުނީ، އޭނާގެ ސިޔާސީ ޙަޔާތް ފެށުނީ އެމްޑީޕީން ކަމަށާއި ޕާޓީއަށް ސޮއިކުރި ދުވަހުން ފެށިގެން، އެ ޕާޓީގެ ޕޯޑިއަމެއްގައި ހުއްޓިލަން ލިބުމަކީ ފަޚްރަކާއި އުފަލެއްކަމަށެވެ. އަދި އޭނާއަކީ އަބަދުވެސް ޙަޤީޤަތަށް ވާހަކަ ދައްކާ މީހެއްކަމަށާއި ޙަޤީޤަތަށް ބަސް ބުނާތީ އެމްޑީޕީއަށް އޭނާ ކަމުނުދިޔައީކަމަށް އާޒިމް ބުނެފައިވެއެވެ.
މީގެ އިތުރުން އޭނާ ބުނީ، އެމްޑީޕީ ސަރުކާރު އޮތްއިރު ވެރިކަން ކުރީ އެ ޕާޓީގެ ފިކުރަށް ނޫން ކަމަށާއި ސަރުކާރު އެތެރޭގައި އޮތީ އެހެން ބައެއްގެ ފިކުރުތަކުން މަސްހުނިވެފައި އޮތް ސިޔާސަތެއްކަމަށެވެ. އަދި ސަރުކާރުގައްޔާއި އެމްޑީޕީގައި ކަންކަން ހިނގީ ގޯސްކޮށްކަމަށާއި އެ ވާހަކަތައް ތަކުރާރުކޮށް ދައްކާތީ ޕާޓީން ބޭރު ކުރީކަމަށް އާޒިމް ބުނެއެވެ.
ސަރުކާރު އެތެރޭގައި ވެސް ގޯހެއްވިއްޔާ އަޅުގަނޑަކީ ބުނާ މީހެއް. އެހެންވީމަ އަޅުގަނޑު އެމްޑީޕީން ބޭރުކުރީ. އަޅުގަނޑު ދިޔައީކީ ނޫން.
އެމްޑީޕީގެ މެންބަރު ޢަލީ އާޒިމް ބުނެފައިވެއެވެ.
ހަމަ އެހެންމެ، 2023ވަނަ އަހަރު ރިޔާސީ އިންތިޚާބުގައި އެމްޑީޕީއާ ދެކޮޅަށް ކެމްޕެއިން ކުރިކަމަށް ދެކެވުނު ވާހަކަތަކަކީ އެމްޑީޕީގެ އެތެރޭގައި އޮތް މަސްހުނި ސިޔާސަތުގެ ދަށުން ފެތުރުނު އަޑުތަކެއްކަމަށާއި އޭރު ވެސް ހުރީ އެމްޑީޕީގެ ފިކުރުގައި ކަމަށް އާޒިމް ބުނެފައިވެއެވެ.
މިފަހުން ޢަލީ އާޒިމް ވަނީ އަލުން އެމްޑީޕީއަށް ސޮއި ކޮށްފައެވެ. އަދި ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި މާލެ ސިޓީގެ މޭޔަރުގެ މަޤާމަށް އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރާނެކަމަށް އާޒިމް ވަނީ ބުނެފައެވެ.

