ދުނިޔެ

ސައިކްލޯން ޑިޓްވާހްގެ އަސަރުން ލަންކާއަށް އެހީވުމަށް އިންޑިއާއިން 'އޮޕަރޭޝަން ސާގަރް ބަންދޫ' ފަށައިފި

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ސައިކްލޯން ޑިޓްވާހްގެ ސަބަބުން ލަންކާއަށް ކުރިމަތިވި ބޮޑެތި ގެއްލުންތަކާއި އަސަރުތަކަށް އެހީތެރިވުމުގެ ގޮތުން، އިންޑިއާ ސަރުކާރުން ވަނީ ކުއްލި ހާލަތުގެ އެހީތެރިކަން ފޯރުކޮށްދިނުމުގެ ބޮޑު މަސައްކަތެއް ކަމަށްވާ 'އޮޕަރޭޝަން ސާގަރް ބަންދޫ' ފަށާފައެވެ. މި އޮޕަރޭޝަނަކީ ކުއްލި ހާލަތުގައި ހޯދުމާއި ސަލާމަތްކުރުމުގެ (Search & Rescue) އަދި އިންސާނީ އެހީތެރިކަމާއި ކާރިސާގެ އެހީތެރިކަން (HADR) ފޯރުކޮށްދިނުމުގެ މަސައްކަތެކެވެ.

Ads by MPL

އިންޑިއާގެ 'ނެއިބަރހުޑް ފަސްޓް' ސިޔާސަތާއި 'ވިޝަން މަހާސާގަރް' ގެ ދަށުން، އިންޑިއާއަކީ އަބަދުވެސް ފުރަތަމަ އެހީތެރިކަން ފޯރުކޮށްދޭ ފަރާތެއްގެ ގޮތުގައި ދެމި އޮވެއެވެ. މިގޮތުން، ލަންކާގެ ސަރުކާރާއި ރައްޔިތުންނަށް ދިމާވެފައިވާ މި ދަތި ވަގުތުގައި އެއްބައިވަންތަކަން ހާމަކޮށް، އިންޑިއާ ސަރުކާރުން ވަނީ ވަގުތުން އެހީތެރިކަން ފޯރުކޮށްދޭން ފަށާފައެވެ. ކޮލޮމްބޯގައި ހުރި އިންޑިއާގެ ދެ ނޭވީ ބޯޓަކުން ވަގުތުން 9.5 ޓަނުގެ ކުއްލި ހާލަތުގެ ކާނާގެ ބާވަތްތައް ލަންކާ ސަރުކާރާ ހަވާލުކޮށްފައި ވެއެވެ.

އޭގެ އިތުރުން، 31.5 ޓަނުގެ އެހީގެ ތަކެއްޗާއި ދެ 'ބީއެޗްއައިއެސްއެމް' ކިއުބް ގެންދިއުމަށް އިންޑިއާގެ ތިން އެއާރ ފޯސް މަތިންދާބޯޓު ވަނީ ފޮނުވާފައެވެ. އަދި، އިންޑިއާގެ ނޭޝަނަލް ޑިޒާސްޓަރ ރެސްޕޮންސް ފޯސް (އެންޑީއާރުއެފް) ގެ 80 މީހުންގެ ޚާއްސަ އަރބަން ސަރޗް އެންޑް ރެސްކިއު (ޔޫއެސްއޭއާރު) ޓީމަކާއި، ފަސް މީހުންގެ މެޑިކަލް ޓީމެއް ވަނީ ލަންކާއަށް ފޮނުވާފައެވެ. އިންޑިއާގެ ނޭވީ ބޯޓު 'ސުކަންޔާ' ގައި އިތުރު 12 ޓަނުގެ އެހީގެ ތަކެތި ވެސް ވަނީ ފޮނުވާފައެވެ. މިހާތަނަށް ޖުމްލަ 53 ޓަނުގެ އެހީގެ ތަކެތި ވަނީ ލަންކާއާ ހަވާލުކޮށްފައެވެ.

މި އޮޕަރޭޝަންގެ ދަށުން، އިންޑިއާގެ އައިއެންއެސް ވިކްރާންޓްގެ ޗެތަކް ހެލިކޮޕްޓަރުތަކާއި އިންޑިއާގެ އެއާރ ފޯސްގެ އެމްއައި-17 ހެލިކޮޕްޓަރުތަކުން، ލަންކާގެ އެއާރ ފޯސްއާ ގުޅިގެން، ފުޅާ ދާއިރާއެއްގައި ސަލާމަތްކުރުމުގެ މަސައްކަތްތައް ވަނީ ހިންގާފައެވެ. މި މަސައްކަތްތަކުގައި ލަންކާ، އިންޑިއާ، ޖަރުމަނު، ސްލޮވީނިއާ، ޔުނައިޓެޑް ކިންގްޑަމް، ދެކުނު އެފްރިކާ، ޕޮލެންޑް، ބެލަރޫސް، އީރާން، އޮސްޓްރޭލިއާ، ޕާކިސްތާން، އަދި ބަންގްލަދޭޝްގެ ރައްޔިތުން ވެސް ވަނީ ސަލާމަތްކޮށްފައެވެ.

އެންޑީއާރުއެފް ޓީމުތަކުން މިހާރު ވެސް ދަނީ ލަންކާގެ އެކަހެރިވެފައިވާ އަދި ބޮޑެތި ގެއްލުންތައް ލިބިފައިވާ ސަރަހައްދުތަކުގައި ހޯދުމާއި ސަލާމަތްކުރުމުގެ މަސައްކަތް ކުރަމުންނެވެ. އެގޮތުން، ކޮޗްޗިކަޑޭ ސައިޓް، ކޮޓްމާލޭ (ބިންގަނޑު ކަނޑައިގެން ދިޔަ ސަރަހައްދު)، ޕުއްތަލަމް އަދި ބަދޫލާ ސަރަހައްދުގައި އެންޑީއާރުއެފް ޓީމުތަކުން ވަނީ އެކި އޮޕަރޭޝަންތައް ހިންގާފައެވެ. މި އޮޕަރޭޝަންތަކުގައި 38 މީހުން ސަލާމަތްކޮށް، ބަލިވެއިން އަންހެނުންނާއި ހާލު ސީރިއަސް މީހުން ޕުއްތަލަމްގެ އެންމެ ކައިރީގައިވާ ހޮސްޕިޓަލަށް ވަނީ ގެންގޮސްފައެވެ. ސަލާމަތްކުރެވުނު މީހުންގެ ތެރޭގައި ތުއްތު ކުދިންނާއި، ކުޑަކުދިންނާއި، އަންހެނުން ވެސް ހިމެނެއެވެ. މިހާތަނަށް ކުރެވުނު މަސައްކަތްތަކުގައި ޖުމްލަ 150 އަށް ވުރެ ގިނަ މީހުންނަށް ވަނީ އެހީތެރިކަން ފޯރުކޮށްދީ ސަލާމަތްކޮށްފައެވެ، އަދި މި މަސައްކަތްތައް ދަނީ ކުރިއަށެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!