ޚަބަރު

ބޮޑުތަކުރުފާނު މަގުގައި ތާރު އެޅި ސަރަހައްދު އަންނަ ހޯމަ ދުވަހު އާއްމުންނަށް ހުޅުވާލަނީ

ނުޙާ އަޙްމަދު ، ދެން އޮންލައިން

ސަރުކާރުން ފެށި ބޮޑުތަކުރުފާނު މަގު ތަރައްގީކުރުމުގެ މަސައްކަތުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތް ނިންމައި އަންނަ ހޯމަ ދުވަހު އާއްމުންނަށް ހުޅުވާލަން ތައްޔާރުވާން ފަށައިފިއެވެ.

Ads by STELCO

އެމްޓީސީސީއާ ހަވާލާދީ ދައުލަތުގެ މީޑިއާއިން ރިޕޯޓުކޮށްފައިވާ ގޮތުގައި މިހާރު އެސަރަހައްދުގައި ކުރިއަށްދަނީ މަގުގައި ޓްރެފިކް ނިޝާންތަކުގެ ބޯޑުތައް ހަރުކުރުމުގެ މަސައްކަތްތަކާއި މަގުގައި ޓްރެފިކް ނިޝާން ކުރެހުމުގެ މަސައްކަތްތަކެވެ. އަދި މި ހުރިހާ މަސައްކަތެއް ނިންމުމަށްފަހު، ހޯމަދުވަހު އެ މަގު ހުޅުވާލުމަށް މަސައްކަތް ކުރަމުންދާކަމަށް އެމްޓީސީސީއާ ހަވާލާދީ ދައުލަތުގެ މީޑިއާއިން ރިޕޯޓުކޮށްފައިވެއެވެ. ފުރަތަމަ ފިޔަވަހީގައި 140 މީޓަރުގައި ތާރު ވަނީ އަޅައިފައެވެ.

ބޮޑު ތަކުރުފާނު މަގުގެ ފުރަތަމަ ފިޔަވަހި އާއްމުންނަށް ހުޅުވާލުމަށްފަހު، ދެން ފަށާނީ ދެވަނަ ފިޔަވަހީގެ މަސައްކަތެވެ. ދެވަނަ ފިޔަވަހީގައި ހިމެނެނީ ލޯކަލް މާރުކޭޓުން ފަށައިގެން ނޯތު ހާބަރާ ހަމައަށެވެ. އެއީ 250 މީޓަރުގެ ސަރަހައްދެކެވެ.

އެމްޓީސީސީން ބުނީ އަންނަ ހަފްތާގައި ދެވަނަ ފިޔަވަހީގެ މަސައްކަތް ފަށާނެ ކަމަށާއި، ދެން ފަށާ ސަރަޙައްދުގައި ވެސް އެއްގަމު ތޮށީގެ މަސައްކަތާއެކު ސްޓެލްކޯ އަދި އެމްޑަބްލިއުއެސްސީގެ ނެޓްވޯކުގެ މަސައްކަތް ކުރިއަށްދާނެ ކަމަށެވެ.

މާލެގޭ މަލަމަތީގެ ހިތްގައިމުކަން ބަދަލުކޮށްލާނެ މަޝްރޫއުގެ މުޅި މަސައްކަތް ކުރިއަށްގެންދާނީ ހެންވޭރު ފެރީ ޓާމިނަލާ ހަމައަށެވެ. އެގޮތުން ނޯތު ހާބަރުން ފެށިގެން އެހިސާބަށް 1088 މީޓަރު ސަރަޙައްދު ތަރައްޤީކުރާނެއެވެ.

ޖުމްލަ ފަސް ސެގްމެންޓް ހިމެނޭ މަސައްކަތް އެމްޓީސީސީއާ ޙަވާލުކުރީ 144 މިލިއަން ރުފިޔާއަށެވެ.

ސަރުކާރުން ވަނީ މާލެ ސަރަހައްދުގައި މަގު ހެދުމުގެ ބޮޑު މަޝްރޫޢެއް، ޗައިނާ ސަރުކާރުގެ އެހީގައި ކުރިއަށްގެންދިއުމަށްވެސް ނިންމާފައެވެ. އެކަމުގެ އަމަލީ މަސައްކަތް ފެށުމަށް ވާންޖެހޭ ތައްޔާރީތައް މިހާރު ދަނީ ކުރިއަށެވެ.

މި މަޝްރޫއު ނިމުމުން، މާލެ ސިޓީގައި ދަތުރުފަތުރުގެ ފަސޭހަތައް އިތުރުވެގެންދާނެކަމަށް އެމްޓީސީސީން ބުނެއެވެ. ޒަމާނީ އަދި ފައިމަގުގައި ހިނގާ މީހުންނަށް ފަސޭހަ މަގުތަކެއް ތަރައްގީކުރެވިގެންދާއިރު، މަގުތައް ފުޅާކުރުމުން ދަތުރުފަތުރުގެ ތޮއްޖެހުން ކުޑަވާނެއެވެ. އަދި އާ ސްޓޯމްވޯޓަރ ޑްރެއިނޭޖް ނިޒާމަކުން ބޯކޮށް ވާރޭވެހޭ ހާލަތްތަކުގައި ފެންބޮޑުވުން ކުޑަވެ، މަގު ބޭނުންކުރާ ހުރިހާ ފަރާތްތަކަކަށް އިތުރަށް ރައްކާތެރި އަދި ދެމެހެއްޓެނިވި އުމްރާނީ ތަރައްގީއެއް ވެސް ކަށަވަރުކޮށްދޭނެއެވެ.