4000 ފްލެޓް މަޝްރޫޢު: އިތުރު ފަސް ޓަވަރަކަށް މީހުން ވައްދަން ފަށައިފި
ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ)އިން ހުޅުމާލޭގައި އިމާރާތްކުރި 4000 ފްލެޓް ލިބުނު މީހުންގެ ތެރެއިން، އިތުރު ފަސް ޓަވަރެއްގެ ތަޅުދަނޑި ހަވާލުކުރުމުގެ މަސައްކަތް ފަށައިފިއެވެ.
ފަހި ދިރިއުޅުން ކޯޕަރޭޝަނުން ބުނީ، އެ ކޯޕަރޭޝަނުން ތާވަލުކޮށްފައިވާ ގޮތަށް ތަޅުދަނޑި ހަވާލުކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ. އަދި އަމާން އުދަރެސް ޓަވަރު 11، 12، 15 އަދި 16ވަނަ ޓަވަރުގައި ހިމެނޭ އެޕާޓްމަންޓުތަކުގެ ތަޅުދަނޑި ހަވާލު ކުރުން ފެށިފައިވާ ކަމަށާއި 13ވަނަ ޓަވަރުގެ ތަޅުދަނޑި ހަވާލުކުރުން މާދަމާ ފެށޭނެކަމަށް އެފްޑީސީން މަޢުލޫމާތުދެއެވެ.
މިގޮތުން މި މަސައްކަތް ކުރިއަށްދާނީ ކޮންމެ ދުވަހެއްގެ ހެނދުނު 09:30އިން ފެށިގެން މެންދުރު 03:30އަށް ކަމަށް ފަހި ދިރިއުޅުން ކޯޕަރޭޝަން ބުނެފައިވެއެވެ.
މި މަޝްރޫއުގައި ހިމެނޭ 32 ޓަވަރުގެ މަސައްކަތް އެއްކޮށް ނިމި މިހާރު ކުރިއަށް ދަނީ ފިނިޝިންގެ މަސައްކަތްތަކެވެ. މި މަޝްރޫޢުގައި ހިމެނޭ ތިން ކޮޓަރީގެ އެޕާމަންޓުތަކުގެ ކުއްޔަކީ، މެއިންޓެނަންސް ފީއާ އެކު 11،500ރުފިޔާއެވެ. ސެކިއުރިޓީ ޑިޕޮސިޓަށް 25،000ރ. ދައްކަންޖެހެއެވެ. ހަމައެހެންމެ ދެ ކޮޓަރީ އެޕާޓްމަންޓުތަކުގެ ކުއްޔާއި މެއިންޓެނަންސް ފީއަށް 8،000ރ ދައްކަން ޖެހޭއިރު ސެކިއުރިޓީ ޑިޕޮސިޓަށް 15،000ރ. ދައްކަންޖެހެއެވެ.
