ޚަބަރު

މަސްވެރިކަމުގެ ސިނާއަތުގައި ހުރި ގޮންޖެހުންތައް ހައްލުކުރަން ބޮޑު ހޭދައެއް ކުރަން ޖެހޭ: މިނިސްޓަރު

އިބްރާހީމް ހަމީޒް ، ދެން އޮންލައިން
ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް--

މަސްވެރިކަމުގެ ސިނާއަތުގައި ހުރި ގޮންޖެހުންތައް ހައްލުކުރަން ބޮޑު ހޭދައެއް ކުރަން ޖެހޭކަމަށް ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް މިއަދު ވިދާޅުވެއްޖެއެވެ.

މިއަދު ފާހަގަކުރާ މަސްވެރިންގެ ދުވަހާ ގުޅިގެން ރ. ދުވާފަރުގައި މިއަދު ފެށި މަސްވެރިންގެ ގުންޒަރުގައި ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ އެ ގުންޒަރަކީ ހުރިހާ މަސްވެރިން އެއްތަންވެ މަސްވެރި ސިނާއަތުގައި ހުރި ގޮންޖެހުންތައް ހައްލުކޮށް އެ ކަންކަމާ މެދު މަޝްވަރާ ކުރުމަށް ވަރަށް މުހިންމު ބައްދަލުވުމެއް ކަމަށެވެ.

ވަޒީރު ވިދާޅުވީ މަސްވެރިންނާ ގުޅުން ހުރި ގޮންޖެހުންތަކަކީ ޒަމާންވީ ގޮންޖެހުންތަކަށް ވަތީ އެކަންކަން ހައްލުކުރުމަށް ވަގުތު ވެސް ނަގާ ކަމަށާ އެކަންކަމަށް ސަރުކާރުން ކުރަންޖެހޭ ހޭދަ ވެސް ވަރަށް ބޮޑުކަމަށެވެ. އަދި މަސްވެރިކަމުގެ ސިނާއަތް ރާއްޖޭގައި އޮންނަނީ ސަރުކާރުން އެހީތެރިކަން ފޯރުކޮށްދީގެން ކުރިއަށް ގެންދެވޭ ކަހަލަ ގޮތަކަށް ކަމަށާއި އެ ގޮތަށް ކުރިއަށް ގެންދިއުމުގައި ގޮންޖެހުންތަކެއް ސަރުކާރަށް ވެސް ހުންނަ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ވަކިން ހާއްސަކޮށް މަހުގެ އަގު ސަރުކާރުން ކަނޑައަޅާ އޭގެ ސަބަބުން ބޭރުގެ މާކެޓްތަކުގައި އުނދަގޫވާ ހާލަތްތަކުގައި ސަރުކާރުގެ ކޭޝް ފްލޯއަށް ވެސް ދަތިވާ ފަހަރު އަންނަ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ނަމަވެސް އެ ގޮންޖެހުންތަކާ އެކު ވެސް މަސްވެރިންގެ ހުރި ޒަމާންވީ ކަންބޮޑުވުންތަކަށް ހައްލު ހޯދުމަކީ ސަރުކާރުގެ ވަރަށް ބޮޑު އަމާޒެއް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި މި ވެރިކަމުގެ ފަސް އަހަރު ތެރޭ ރައީސް މުއިއްޒުގެ ހުރިހާ ވައުދުފުޅެއް ފުރިހަމަ ކުރައްވާނެކަމުގެ ޔަގީންކަން ވެސް މިނިސްޓަރު ދެއްވިއެވެ.

Ads by HDC