ޚަބަރު

ޤައުމު ބަނގުރޫޓްވެ ރައީސް މުޢިއްޒު އިސްތިއުފާ ދޭނެކަމަށް އުންމީދުކޮށް، އެމްޑީޕީން އުފާ ފާޅުކުރި: ޒަރީރު

ފާތިމާ އިބްރާހީމް ، ދެން އޮންލައިން

ދިވެހިރާއްޖެ ބަނގުރޫޓްވެ، ގޮތް ހުސްވެގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިސްތިއުފާ ދެއްވާނެކަމަށް އުންމީދުކޮށް ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)އިން އަތް ޖަހައި އުފާ ފާޅުކޮށް، އެ ދުވަހެއްގެ އިންތިޒާރުގައި ތިބި ކަމަށް މަތިވެރި ދާއިރާގެ މަޖިލިސް މެންބަރު ޙަސަން ޒަރީރު ވިދާޅުވެއްޖެއެވެ.

ސަންގު ޓީވީގެ ޚަބަރަށް ފަހު ޕްރޮގްރާމުގައި ޒަރީރު ވިދާޅުވީ، ރައީސް މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތީ، ދިވެހިރާއްޖެ 125 ބިލިއަން ރުފިޔާއިން ދަރަނިވެރިވެ ބަނގުރޫޓުވުމުގެ ފުރުސަތު އޮތް ވަގުތެއްގައި ކަމަށާއި ދަޢުލަތުގެ ކުންފުނިތަކުން 20 ބިލިއަން ރުފިޔާ ޕްރައިވެޓް ސެކްޓަރއަށާއި ދަޢުލަތަށް ދައްކަން ޖެހިފައި އޮތުމުން، އެ ކުންފުނިތައް ވެސް އޮތީ ބޮޑު ދަރަންޏެއްގެ ތެރޭގައި ކަމަށެވެ. އަދި އެމްޑީޕީގެ ވެރިކަމުގައި މާލީ އިދާރާތަކުން ޤައުމު ބަނގުރޫޓު ވެދާނެކަމުގެ އިންޒާރުދީފައިވާތީ އެމްޑީޕީ މެންބަރުން ތިބީ ރައީސް މުޢިއްޒުއަށް ތިން މަސް ދުވަހު ވެސް ހިފަހައްޓާ ނުލެވޭނެކަމަށް ބުނެ އުފާ ފާޅުކުރަން ކަމަށް ޒަރީރު ވިދާޅުވިއެވެ.

ރައީސް މުއިއްޒަށް ތިން މަސް ދުވަހު ވެސް ހިފަހައްޓާ ނުލެވޭނެއޭ ދިޔައީ ބުނަމުން. ކޮންމެހެން ސަރުކާރާއި ދެކޮޅަށް ނިކުންނާކަށް ނުޖެހޭނެއޭ. ޤައުމު ބަނގުރޫޓުވާނެ މަގުގައި އޮތުމުން ސަލާމަތް ކުރާނެ ގޮތެއް ނޭނގިގެން ރައީސް މުއިއްޒު އަމިއްލަފުޅަށް އިސްތިއުފާ ދީފަ ވެރިކަން ދޫކޮށްފަ ދާނެއޭ..

މަތިވެރި ދާއިރާގެ މަޖިލިސް މެންބަރު ޙަސަން ޒަރީރު ވިދާޅުވިއެވެ.

މީގެ އިތުރުން ޒަރީރު ވިދާޅުވީ، އެމްޑީޕީގެ ވެރިކަމުގެ ފަސް އަހަރު ނިމިގެން ދިޔައީ ބައިނަލްއަޤުވާމީ މާލީ އިދާރާތަކުން ރަކުރާރުކޮށް އިރުޝާދުތައް ދީ ރަނގަޅަށް ސަމާލުވުމަށާއި، އަވަސް ފިޔަވަޅުތައް އެޅުމަށް ގޮވާލަމުން، ނަމަވެސް އެއިން އެއްވެސްކަމަކަށް އެމްޑީޕީ ވެރިކަމުން ޢަމަލުކޮށްފައި ނުވާކަމަށެވެ. އަދި ޤައުމުގެ ޙާލަތު ވަރަށް ރަނގަޅަށް އެމްޑީޕިއަށް އެނގޭނެކަމަށާއި، އެ ޕާޓިން ބޭނުންވީ ވެރިކަން ނުލިބޭނެކަން އެނގުމާއި އެކު ދެން އުފެދޭނެ ސަރުކާރަކަށް އުނދަގޫކޮށް ޖެއްސުން ކުރަންކަމަށް މެންބަރު ވިދާޅުވިއެވެ.

ރައީސް މުޢިއްޒު ޙިކުމަތްތެރިކަމާ އެކު މި ހުރިހާ ގޮންޖެހުންތަކަކާއި ކުރިމަތި ލައްވައި، ސަރުކާރު ހަމަމަގަށް އަޅުވައި ކުންފުނިތަކަށް ދައްކަން ޖެހޭ ފައިސާ ދައްކަވާކަމަށާއި ސަރުކާރުގެ ދަރަނިތައް ވެސް ދައްކަވަމުން ގެންދަވާކަން މަތިވެރި ދާއިރާގެ މެންބަރު ޒަރީރު ފާހަގަކުރެއްވިއެވެ.

Ads by HDC