ޚަބަރު

މެންބަރު މައުރޫފްގެ ބަންދަށް ފަސް ދުވަސް ޖަހައިފި

އިބްރާހީމް ހަމީޒް ، ދެން އޮންލައިން
ކެންދޫ ދާއިރާގެ އެމްޑީޕީ މެންބަރު މައުރޫފް ޒާކިރު (މަޓޭ) / ފޮޓޯ: މަޖިލިސް

މަސްވެރިންގެ ދުވަހާ ދިމާކޮށް ބޮޑުކަންނެލި މަސްވެރިކަން ކުރާ ފަރާތްތަކުން މަސް ދޯނިތަކުގެ ކުރި މުޒާހަރާގެ ތެރެއިން ހައްޔަރުކުރި ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރުގެ ބަންދުގެ މުއްދަތު ޖަހައިފިއެވެ.

Ads by STELCO

މިދިޔަ ބުދަ ދުވަހުން ފެށިގެން ކުރަމުން ދިޔަ މުޒާހަރާ ފުލުހުން ރޫޅާލީ އިއްޔެއެވެ. އަދި އެ މުޒާހަރާ ރޫޅާލުމުގެ ތެރޭގައި މުޒާހަރާގެ އިސްބޭފުޅުންތަކަކާ އެކު މައުރޫފް ވެސް ހައްޔަރުކުރިއެވެ.

އެ މައްސަލައާ ގުޅިގެން މައުރޫފްގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް މިއަދު ވަނީ ހާޒިރު ވެސް ކޮށްފައެވެ. އަދި ކޯޓުން ވަނީ މައުރޫފްގެ ބަންދަށް ފަސް ދުވަސް ޖަހައިފައެވެ.

މައުރޫފްއަކީ މަސްވެރިންގެ ޔޫނިއަންގެ ޖެނެރަލް ސެކެރެޓްރީ ވެސް މެއެވެ.

މައުރޫފް ހައްޔަރުކުރުމާ ގުޅިގެން، އޭނާ ދޫކޮށްލަން އެމްޑީޕީން ވަނީ ގޮވައިލައިފައެވެ. އަދި މައުރޫފާއި މަސްވެރިންގެ އިހްތިޖާޖުން ހައްޔަރުކޮށްފައިވާ އިތުރު މީހުންގެ ބަންދުގެ މުއްދަތު އިތުރުކުރުމާ ދެކޮޅަށް ކްރިމިނަލް ކޯޓު ކައިރީގައި އެމްޑީޕީން ވަނީ ސުލްހަވެރިކަމާ އެކު އިހުތިޖާޖުކޮށްފައެވެ.

މީގެ އިތުރުން މައުރޫފް ހައްޔަރުކުރި މައްސަލަ އެމްޑީޕީން ވަނީ އިންޓަ ޕާލިމެންޓަރީ ޔޫނިއަން (އައިޕީޔޫ)އަށް ވެސް ހުށަހަޅައިފައިއެވެ.

ބޮޑުކަންނެލި މަސްވެރިން އިހުތިޖާޖުގައި ސަރުކާރަށް ގޮވާލީ، މަސްކުންފުނި މިފްކޯއަށް ބޮޑުކަންނެލި ގަތުމަށެވެ. އަދި އެ މުޒާހަރާގެ ތެރެއިން ވަނީ މަސްވެރިންގެ ޔޫނިއަންގެ އެއް ފައުންޑަރަކާއި އެހެން ދެ މީހަކު ވެސް ހައްޔަރުކޮށްފައެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!