މައުރޫފް ބަންދުން ދޫކޮށްލައިފި، އަދިވެސް އޮތީ ހޮސްޕިޓަލުގައި
ބޮޑުކަންނެލި މަސްވެރިން ކުރި މުޒާހަރާގެ ތެރެއިން މިދިޔަ ބުރާސްފަތި ދުވަހު ހައްޔަރު ކުރި ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު ފުލުހުންގެ ބަންދުން ދޫކޮށްލައިފިއެވެ.
މާލޭ ރަސްމީ ފާލަމާ ދިމާ ބޭރުގައި ކުރި މި މުޒާހަރާގެ ތެރެއިން މައުރޫފް ހައްޔަރުކޮށް، ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުން ފަސް ދުވަހަށް ވަނީ ބަންދުކޮށްފައެވެ. އޭނާ ބަންދުން ދޫކޮށްލާފައި ވަނީ އެ ފަސް ދުވަސް ހަމަނުވަނީހެވެ.
މައުރޫފް ބަންދުން ދޫކޮށްލާފައިވާ އިރު، އިއްޔެ ވަނީ އައިޖީއެމްއެޗަށް ގެންގޮސް، އެމަޖެންސީގައި ސާޖަރީއެއް ކޮށްފައެވެ. ހޮސްޕިޓަލަށް މައުރޫފް ގެންދިޔައީ ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓައެވެ.
ފުލުހުން ރޭ ނެރުނު ބަޔާނެއްގައި ބުނީ، މައުރޫފް ހޮސްޕިޓަލަށް ގެންދިޔައީ ފުލުހުންގެ ބަންދުގައި ހުއްޓައި ދިމާވި ކަމަކާ ގުޅިގެން ނޫން ކަމަށެވެ. ޑޮކްޓަރަށް ދައްކަން އެދުނީ މައުރޫފް އަމިއްލައަށް ކަމަށް އެބަޔާނުގައިވެއެވެ.
"ޑޮކްޓަރަށް ދައްކަން އެމަނިކުފާނު އެދިވަޑައިގެންފައިވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނައުމަށް ނުވަތަ ފުލުހުންގެ ބަންދުގައި ހުންނަވަނިކޮށް ދިމާވިކަމަކާ ގުޅިގެން ނޫންކަން އެންމެހައި ފަރާތްތަކުގެ މައުލޫމާތައްޓަކައި ދަންނަވަން،" ފުލުހުންގެ ބަޔާނުގައިވެއެވެ.
ފުލުހުން ބުނީ މައުރޫފް ހޮސްޕިޓަލަށް ގެންދިއުމުގައި އަމަލުކޮށްފައި ވާނީ، ކަސްޓޯޑިއަލްގައި ތިބޭ އެހެން މީހުންނާމެދު ވެސް އަމަލުކުރާ އުސޫލުން ކަމަށެވެ. އެފަދަ ފަރާތްތަކާމެދު އަމަލުކުރުމުގައްޔާއި، އެފަރާތްތަކުގެ ހައްގުތައް ރައްކާތެރިކުރުމުގައި ގާނޫނާއި ގަވާއިދުތަކާއި އިންސާނީ ހައްގުތަކުގެ އުސޫލުތަކާއި މިންގަނޑުތައް ފުލުހުން ހިފަހައްޓަމުންދާކަންވެސް ފާހަގަކޮށްފައިވެއެވެ.
މައުރޫފް ސާޖަރީ ހަދަން ޖެހުނު ސަބަބު އަދި ސާފެއްނުވެއެވެ. ނަމަވެސް އަދި އިތުރު ސާޖަރީއެއް ހަދަންޖެހޭ ކަމަށް އޭނާގެ ގާނޫނީ ޓީމުން ބުނެފައިވެއެވެ. އެހެންކަމުން އަދިވެސް އޭނާ އޮތީ ހޮސްޕިޓަލުގައެވެ.
