ރައީސުލްޖުމްހޫރިއްޔާ ބުދަ ދުވަހުގެ ރޭ ވިޔަފާރިވެރީންނާ ބައްދަލުކުރައްވަނީ
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، އަންނަ ބުދަ ދުވަހުގެ ރޭ ދިވެހި ވިޔަފާރިވެރީންނާ ބައްދަލު ކުރައްވަން ނިންމަވައިފިއެވެ.
ރައީސް އޮފީހުގެ ތަރުޖަމާން ހީނާ ވަލީދު އެކްސްގައި މިރޭ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރައްޔިތުންނާ ގާތުން ބައްދަލުކުރައްވައި، ހިޔާލާއި މަޝްވަރާ ހޯއްދަވާ، ރައްޔިތުން ކަންބޮޑުވާ ކަންކަން ހިއްސާ ކުރައްވާ، ބޭނުންފުޅުވާ ކަންކަން ސީދާ އަޑުއެއްސެވުމަށް ޓަކައި ވިޔަފާރިވެރިންނާ އެކު ބާއްވަވާ ބައްދަލުވުމެއް މިމަހުގެ 17 ވާ ބުދަ ދުވަހުގެރޭ އޮންނާނެ ކަމަށެވެ.
ރައީސް ދާދިފަހުން ވަނީ ދިވެހި މަސްވެރިންނާ ވެސް ބައްދަލުކުރައްވައިފައެވެ. މީގެ އިތުރުން އަންގާރަ ދުވަހުގެ ރޭ މާލޭގެ ގަލޮޅު އަވަށު ރައްޔިތުންނާ ވެސް ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން މި ބައްދަލުކުރެއްވުން އޮންނާނީ، އަންގާރަ ދުވަހުގެ ރޭ 20:30ގައި އިމާދުއްދީން ސްކޫލްގައެވެ. އެހެންކަމުން ސަރުކާރުގެ ފަރާތުން މި ބައްދަލުވުމަށް ގަލޮޅުގެ ހުރިހާ ރައްޔިތުންނަށް ވެސް ވަނީ ދައުވަތު އަރުވައިފައެވެ.
ރައްޔިތުންނާ ގާތުން މަސައްކަތް ކުރެއްވުމުގެ ސިޔާސަތުގެ ދަށުން ރައްޔިތުންގެ ހިޔާލާ މަޝްވަރާ ހޯއްދެވުމަށް ބައްދަލުކުރެއްވުންތައް އެ މަނިކުފާނު ދަނީ ބާއްވަވަމުންނެވެ. ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ވަޑައިގެން ރައްޔިތުންނާ ބައްދަލުކުރައްވާފައިވާއިރު، މިހާރު ރައީސް ގެންދަވަނީ މާލޭގެ އެކި އަވަށްތަކުގައި ދިރިއުޅޭ ރައްޔިތުންނާ ބައްދަލުކުރައްވަމުންނެވެ.
މާލެ ސަރަޙައްދުގައި އެންމެ ފުރަތަމަ ބައްދަލުކުރެއްވީ، ވިލިމާލޭގެ ރައްޔިތުންނާއެވެ. އެއަށް ފަހު މައްޗަންގޮޅިއާއި، މާފަންނާއި، ހެންވޭރުގެ ރައްޔިތުންނާ ވެސް ރައީސް މިހާރު ވަނީ ބައްދަލުކުރައްވައިފައެވެ.
