ޚަބަރު

މަސްވެރިންގެ މުޒާހަރާގައި ހައްޔަރުކުރި މީހުން ދޫކޮށްލައިފި

ނުޙާ އަޙްމަދު ، ދެން އޮންލައިން

ބޮޑު ކަންނެލި މަސްވެރިންގެ ޖަމިއްޔާއިން އިސްވެ މަސްވެރިންނާ އެކު ކުރި މުޒާހަރާގެ ތެރެއިން ހައްޔަރުކުރި މީހުން ދޫކޮށްލާފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

Ads by STELCO

ފުލުހުން ބުނީ، މަސްވެރިންގެ އިހުތިޖާޖާއި ގުޅިގެން ހައްޔަރު ކުރި 3 މީހުން މިހާރު ދޫކޮށްލާފައިވާ ކަމަށާއި، އެގޮތުން އެ މީހުންގެ ތެރޭގައި ހިމެނޭ ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު މައުރޫފް ޒާކިރުގެ ސިއްހީ ހާލަތާއި ގުޅިގެން މި މަހުގެ 13 ވަނަ ދުވަހު ދޫކޮށްލައިފައިވާ ކަމަށެވެ.

މީގެ އިތުރުން ތަހުގީގަށް ފުރިހަމަ ކުރަންޖެހޭ ކަންކަން ފުރިހަމަ ކުރުމަށްފަހު ހައްޔަރުގައި ތިބި ދެ މީހުން އިއްޔެ ދުކޮށްލާފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މި އިހުތިޖާޖުގެ ތެރއިން ހަތަރު ބިދޭސީއަކު ވެސް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވެއެވެ. އެމީހުން ވަނީ އިމިގްރޭޝަނާ ހަވާލުކޮށްފައެވެ.

އިހުތިޖާޖު އިިންތިޒާމުކުރި ބޮޑުކަންނެލީގެ މަސްވެރިންގެ ޖަމިއްޔާއިން ބުނީ، ފުލުހުން ބައެއް ދޯނިތަކަށް އަރައި އިހުތިޖާޖު ރޫޅާލާފައި ވަނީ ސުލްހަވެރިކޮށް އިހުތިޖާޖު ކުރަމުންދަނިކޮށް ކަމަށެވެ.

އެހެން ނަމަވެސް ފުލުހުން ބުނެފައި ވަނީ، މާލެ ކައިރިން ދަތުރުކުރި އުޅަނދުފަހަރަށް މުޒާހަރާގެ ބައިވެރިން ހުރަސްއެޅުމުގެ އިތުރުން ފުލުހުންގެ ނަސޭހަތަށް ވެސް އިޖާބަ ނުދިން ކަމަށާއި، އުޅަނދުފަހަރަށް ހުރަސް އަޅާ، ސަލާމަތީ ބާރުތަކުން މަނާކޮށްފައިވާ ސަރަހައްދަށް ދޯނިފަހަރުގައި ވަންނަން މަސްވެރިން މަސައްކަތްކުރި ކަމަށެވެ.

Ads by Ooredoo