ސަރުކާރު

ޢަލީބާބާ ވެބްސައިޓުގައި މިހާރު ދިވެހިންނަށް މުދާ ވިއްކޭނެ

ފާތިމާ އިބްރާހީމް ، ދެން އޮންލައިން

އޮތެންޓިކް މޯލްޑިވްސްގައި ރެޖިސްޓްރީކޮށްފައިވާ ވިޔަފާރިތަކަށް އަލީބާބާ ވެބްސައިޓް މެދުވެރިކޮށް މިހާރު މުދާ ވިއްކޭނެ ގޮތް ހަމަޖެހިފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

Ads by MPL

ރޭ ދިވެހި ވިޔަފާރިވެރިންނާ ބައްދަލު ކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ކްރީއޭޓިވް އިންޑަސްޓްރީ ތެރޭގައި އެކި ބާވަތްތަކުގެ ވިޔަފާރިތައް ކުރިއެރުވުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާ ކަމަށާއި ބައިނަލްއަޤްވާމީ ބާޒާރުގައި ދިވެހި އުފެއްދުންތައް ވިއްކޭނެ މަގުފަހިކުރުމަށް އޮންތެޓިކް މޯލްޑިވްސްގައި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށް އަލީބާބާ މެދުވެރިކޮށް މުދާ ވިއްކޭނެ އިންތިޒާމު މިހާރު ހަމަޖެހިފައިވާނެ ކަމަށެވެ.

" އޮތެންޓިކް މޯލްޑިވްސްގައި ރެޖިސްޓްރީވެފައިވާ ހުރިހާ ފަރާތްތަކަށް މިހާރު އަލީބާބާ ޑޮޓްކޮމްގައި އުފެއްދުންތައް ވިއްކޭނެގޮތް މިއަދު މި ހަމަޖެހިގެން ދިޔައީ. އެއީ އަލީބާބާގައި ރެޖިސްޓްރީ ކުރެވިފައިވާ 400 ވެންޑަރުންނަށް މިހާރު އެކްސެސް ލިބިފައި ވަނީ. އެހެންވީމަ، އޭގަ އެ ބޭފުޅުންގެ އުފެއްދުންތައް ވިއްކޭނެ. އޮތެންޓިކް މޯލްޑިވްސްގައި ބައިވެރިވާން ޖެހޭނެ. ބައިވެރިވީމަ އެކްސެސް ލިބިގެން އެދިޔައީ." ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް ވިދާޅުވީ، ދިވެހި ވިޔަފާރިތަކަށް ފަހި ފުރުސަތުތަކެއް ހޯދައިދީ ބޭރުން ފައިސާ ގެނައުމުގައި ހުރި ދަތިތައް ވެސް ޙައްލުކޮށްދެއްވާނެ ކަމަށާއި ޕޭޕަލްއާ އެކު މަޝްވަރާ ކުރެވި، އަންނަ އަހަރުގެ ޖަނަވަރީ މަހު އެ މަސައްކަތް ނިމި ރައްޔިތުންނަށް ޚިދުމަތް ފޯރުކޮށްދެވިގެންދާނެ ކަމަށެވެ.