4000 ފްލެޓުގެ ޑައުން ޕޭމަންޓާއި ކުލި ކުޑަކޮށްދެނީ
ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފަހި ދިރިއުޅުން ކޯޕަރޭޝަންއިން ތަރައްގީކުރި 4000 ފްލެޓުގެ ޑައުންޕޭމަންޓާއި ކުލި ކުޑަކޮށްދޭން ނިންމައިފިއެވެ.
އެފްޑީސީން ތަރައްގީކުރި ފްލެޓުތަކަށް މީހުން ވަންނަން ފަށާފައިވާ އިރު އެ ތަނަށް އެޑްވާންސް ޕޭމަންޓްގެ ގޮތުގައި ތިން ކޮޓަރީގެ ފްލެޓްތަކަށް 25,000 ރުފިޔާ އަދި ދެ ކޮޓަރީގެ ޕްލެޓުތަކަށް 15،000 ރުފިޔާ ދައްކަން ޖެހޭ ކަމަށެވެ.
ނަމަވެސް އެ އަދަދު ކުޑަކޮށްދޭން އެކި ފަރާތްތަކުން ދިޔައީ އެދެމުންނެވެ.
ހުޅުމާލެ ފޭސްދޭއްގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ބޭއްވި ބައްދަލުވުމުގައި އެމަނިކުފާނު ވިދާޅުވީ ރައްޔިތުންގެ ކަންބޮޑުވުންތަކާ އެއްގޮތަށް ލުއިތަކެއް ދޭން ނިންމައިފައިވާ ކަމަށެވެ.
"އޭގެ ތެރެއިން އެއް ކަމަކީ ތިން ކޮޓަރި ލިބިފައި ހުރި ފަރާތްތަކުގެ މިހާރު މަހުން މަހަށް އޮންނަ އަގާއި އަދި މެއިންޓަނަންސްއަށް މި އޮތީ ޓޯޓަލް އަދަދަކަށް މިހާރު މި އޮންނަނީ 10،500. އެ އަދަދު 10،000 ރުފިޔާއަށް ކުޑަކޮށް އަދި އެޑްވާންސް ޕޭމަންޓް 25،000 ރުފިޔާ 8000 ރުފިޔާއަށް ކުޑަކުރެވިގެން ދާނެ" ރައީސް ވިދާޅުވި އެވެ.
އަދި ދެ ކޮޓަރީގެ ފްލެޓްތަކަށް މަހަކު ޖުމްލަ ދައްކަން ޖެހޭ 7000 ރުފިޔާ 6000 ރުފިޔާއަށް ކުޑަކޮށް އަދި ދެ ކޮޓަރީގެ ފްލެޓްތަކަށް ދައްކަން ޖެހޭ ޑައުންޕޭމަންޓްގެ އަދަދު ވެސް އެއް މަހު ދައްކަން ޖެހޭ އަދަދު އެއް މަހު ކުއްޔަށް ދައްކަން ޖެހޭ އަދަދަށް ކުޑަކޮށްދެއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

