ސަރުކާރު

ދިވެހި ފޮތް ލިޔާ ފަރާތްތަކަށް، ފޮތް ޗާޕުކުރަން ލުއި ގޮތްތަކެއް ހޯދައިދެނީ

ޢާއިޝަތު އިމާޝާ ، ދެން އޮންލައިން
ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަނީ --

ދިވެހި ބަހާއި ދިވެހިވަންތަކަން ފޯރުވައިދިނުމަށް ޓަކައި ފޮތް ލިޔާ ފަރާތްތަކަށް އަންނަ އަހަރުން ފެށިގެން ފޮތް ޗާޕުކުރުމަށް ލުއި ގޮތްތަކެއް ހޯއްދަވައިދެއްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

Ads by STELCO

ގައުމީ އަދަބީ މުބާރާތްތަކުގެ ނަތީޖާ ފާޅުކުރުމަށް ރޭ ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ، ދިވެހީން ދިވެހިންނަށްވީ ދިވެހި ބަހުގެ ސަބަބުން ކަމަށެވެ. އެހެންކަމުން، ދިވެހިބަސް އެއްޖީލުން އަނެއް ޖީލަށް ރައްކާތެރިކަމާ އެކު ފޯރުކޮށްދޭން އޮތް ފުރުސަތަށް ބަލާއިރު، ކުޑަކުދިން ކިޔާނެ ދިވެހި ފޮތްތައް ބޭނުންވާކަން އެ މަނިކުފާނު ފާހަގަކުރެއްވިއެވެ.

ރައީސް ވިދާޅުވީ، ކުޑަކުދިން ކިޔާނެ ފޮތްތައް ލިޔަން ބޭނުންވާ ފަރާތްތަކާއި މިހާރު ވެސް ލިޔާ ފަރާތްތައް އެބަތިބި ކަމަށާއި، އެފަދަ ފޮތްތައް ޗާޕުކުރުމުގައި ބޮޑެތި ހުރަސްތައް ހުރިކަމުގެ ކަންބޮޑުވުން އެފަރާތްތަކުން ފާޅުކުރަމުންދާ ކަމަށެވެ. އަދި އެއީ ގައުމީ ބޮޑު މައްސަލައެއް ކަމަށާއި އެކަމާ އަޅައިނުލައްވައި ނުހުންނަވާނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން، ރޭ ނަތީޖާ ފާޅުކުރި ތާނައިގެ އަތުލިޔުމުގެ މުބާރާތް ވެސް ގައުމީ މުބާރާތެއްގެ ގޮތުގައި ކުރިއަށް އޮތްތަނުގައި ހަމަޖައްސަވައިދެއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!