ރާއްޖެއަށް ހިޖުރަކުރާ ދޫނި ހިފާނަމަ ފިޔަވަޅު އަޅާނަން: އީއާރްއޭ
އިރުވައި މޫސުމަށް ރާއްޖެ ހިޖުރާ ކުރާ ދޫނި ހިފައި ގެންގުޅުމަކީ މަނާކަމެއް ކަމަށާއި އެ ފަދަ އަމަލުކުރާ ފަރާތްތަކާމެދު ފިޔަވަޅު އަޅާނެކަމަށް އެންވަޔަރަންމަންޓަލް ރެގިއުލޭޓަރީ އޮތޯރިޓީއިން އިންޒާރުކޮށްފިއެވެ.
އެންވަޔަރަންމަންޓަލް ރެގިއުލޭޓަރީ އޮތޯރިޓީއިން ބުނީ، ކޮންމެ އަހަރަކު ވެސް މިދުވަސްވަރާ ދިމާކޮށް ހިޖުރަކުރާ ގިނަ ބާވަތްތަކެއްގެ ދޫނިތައް މަޅިފަތިޖަހައިގެން ހިފައި ފިޔަކޮށާ އަދި ކޮށިތަކުގައި ބަންދުކޮށް ގެންގުޅޭކަމަށާއި މިފަދަ ދޫނީގެ ވިޔަފާރި ކުރުމަށާއި އޮޅުދޫނި ގޮތުގައި ހިފާ ގެންގުޅޭ ކަމުގެ މަޢުލޫމާތު އެ އޮތޯރިޓީއަށް ލިބެމުންދާ ކަމަށެވެ.
މީގެ އިތުރުން މި ދޫނިތަކަކީ އެހެން ޤައުމުތަކުން ރާއްޖެއަށް އަންނަ ދޫނިތަކަށްވުމުން މި ދޫނިތައް ހިފާގެންގުޅުމުގެ ސަބަބުން ދިވެހިރާއްޖެ ބައިވެރިވެފައިވާ ތަފާތު ބައިނަލްއަޤްވާމީ މުއާހަދާތަކާ ވެސް ޚިލާފުވާކަމަށާއި ކޮންވެންޝަން އޮން މައިގްރޭޓަރީ ސްޕީޝީޒްގެ ދަށުން މިފަދަ ހިޖުރަކުރާ ދޫނިތަކަށް ރައްކާތެރިކަން ފޯރުކޮށްދިނުމަކީ ދިވެހިރާއްޖޭގެ ޒިންމާއެއް ކަމަށް ވެސް އީއާރްއޭ ބުނެއެވެ.
އެހެންކަމުން، މިފަދަ ޢަމަލުތައް ކުރާ ފަރާތްތަކަށް މިކަންކަމުން ދުރުހުހެލިވުމަށާއި، ހިފާފައިވާ ދޫނިތައް ވެސް ދޫކޮށްލުމަށް އެއޮތޯރިޓީއިން ވަނީ އަންގައިފައެވެ. ޤަވާއިދާ ޚިލާފަށް މި ފަދަ ދޫނިތައް ހިފާ ގެންގުޅޭ އަދި މި ދޫނިތައް ގަނެވިއްކައި އެތަކެތީގެ ވިޔަފާރިކުރަމުންދާ ފަރާތްތައް ޖޫރިމަނާ ކުރެވޭނެ ކަމަށް ވެސް އެ އޮތޯރިޓީއިން ބުނެއެވެ.
މިގޮތުން މި ފަދަ ފަރާތްތަކުގެ މަޢުލޫމާތު ޙިއްސާކުރުމަށް އެ އޮތޯރިޓީއިން އެދޭކަމަށާއި އެ ފަރާތްތަކުގެ މަޢުލޫމާތު އޮތޯރިޓީގެ ހޮޓްލައިން 7980379 ނުވަތަ އީމެއިލްއަށް އަށް ހިއްސާކުރުމަށް ވަނީ އެދިފައެވެ.
