ޚަބަރު

ސަފާރީގައި ރޯވި އަލިފާން ހަ ގަޑިއިރެއްހައިއިރު ފަހުން ނިއްވައިލައިފި

މުޙައްމަދު ޝިޔާމް ، ދެން އޮންލައިން

ސަފާރީގައި ރޯވި އަލިފާންގަނޑު ހަ ގަޑި އިރެއްހައިއިރު ފަހުން ނިއްވައިލައިފިއެވެ.

Ads by STELCO

އެމްއެންޑީއެފުން މައުލޫމާތު ދިން ގޮތުގައި ގަދަވާ ޕްރިންސެސް ނަމަކަށް ކިޔާ ސަފާރީގައި އަލިފާން ރޯވި ކަމުގެ ރިޕޯޓު ލިބުނީ މިއަދު ހަވީރު 5:45 ކަންހައިއިރު ކަމަށެވެ. މި ހާދިސާ ހިނގިއިރު އެ ސަފާރީގައި 25 މީހުން ތިބި ކަމަށާއި އެ ހުރިހައި އެންމެން ސަލާމަތްކޮށްފައިވާ ކަމަށެވެ. އެ އެންމެން މިހާރު ވ. ފުލިދުއަށް ގެންގޮސްފައިވާ ކަމަށް އެމްއެންޑީއެފުން ބުނެއެވެ.

މި ހާދިސާ ހިނގި އިރު އެ ސަފާރީގައި 25 މީހުން ތިބިއިރު އޭގެ ތެރޭގައި 17 ފަތުރުވެރިން ހިމެނެއެވެ. އެއީ 5 ފިރިހެނުންނާއި 12 އަންހެނުންނެވެ. އަދި 8 ފަޅުވެރިން ހިމެނޭ އިރު އޭގެ ތެރޭގައި 3 ދިވެހިންނާ 5 ބަންގްލަދޭޝް ރައްޔިތުންނާއި ޖަރުމަނު ރައްޔިތެއް ހިމެނެއެވެ.

އެމްއެންޑީއެފްއިން ބުނީ މިހާރު އެ އަލިފާންގަނޑު ކޮންޓްރޯލް ކުރެވިފައިވާ ކަމަށެވެ. ނަމަވެސް އެއްކޮށް ނިއްވައި ނުލެވޭ ކަމަށް ވެސް ބުނެފައިވެއެވެ.

މި ހާދިސާއާ ގުޅިގެން އަލިފާން ނިއްވުމަށް އެމްއެންޑީއެފްއިން އެ ސަރަހައްދުގައި ހަރަކާތްތެރިވަމުން އަންނައިރު މި ހާދިސާގައި އެއްވެސް ފަރާތަކަށް ގެއްލުމެއް ލިބިފައިވާ ކަމެއް ކަށަވަރެއް ނުވެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!