ޚަބަރު

ކުދި ވިޔަފާރިތަކަށް ހާއްސަ ފިޔަވަޅުތަކެއް ކުރިޔަށް އޮތް 2 އަހަރު ތަންފީޒުކުރާނެ: ރައީސް

ޢާއިޝަތު އިމާޝާ ، ދެން އޮންލައިން
ރައީސް މުއިއްޒު ހެންވޭރުގެ ރައްޔިތުންނާ ބައްދަލުކުރެއްވުން-- ފޮޓޯ/ ރައީސް އޮފީސް

ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ހާއްސަ ފިޔަވަޅުތަކެއް ކުރިޔަށް އޮތް 2 އަހަރު ދުވަސްތެރޭ ތަންފީޒު ކުރާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

Ads by STELCO

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ ކުދި އަދި މެދުފަންތީގެ ވިޔަފާރިވެރިންނާ އެކު މިމަހުގެ 17 ވަނަ ދުވަހު ބޭއްވި ބައްދަލުވުމުގައި، ވިޔަފާރިވެރިން ފާހަގަކުރި ކަންކަމުގެ އަލީގައި، އެ ދާއިރާގެ ކުރިއެރުވުމަށް މެނިފެސްޓޯގައި ހިމަނައިފައިވާ ކަންކަމާއި، ސަރުކާރުން އެ ދާއިރާއާ ގުޅޭ ގޮތުން ކުރިއަށް ގެންދާ އެކި ކަންކަމުގެ ނަތީޖާ ބައްޓަން ކުރުމަށް، ކެބިނެޓުން މިދިޔަ ބުދަ ދުވަހު ގިނަ ކަންތައްތަކެއް ނިންމައިފައިވާ ކަމަށެވެ.

އެގޮތުން، ވިޔަފާރިވެރިންނާ އެކު ބޭއްވި ބައްދަލުވުމުގައި އިއުލާނުކުރި ކަންކަމުގެ އިތުރުން، ކުރިއަށް އޮތް 2 އަހަރަކީ އެ ވިޔަފާރިތަކަށް ހާއްސަ ކަންކަން ތަންފީޒު ކުރެވިގެންދާނެ 2 އަހަރުކަން ރައީސް ފާހަގަކުރެއްވި އެވެ.

ރައީސް ވިދާޅުވީ އޭގެ ތެރެއިން ބައެއް ކަންކަން އަންނަ މަހުގެ 1ވަނަ ދުވަހުން ފެށިގެން ތަންފީޒު ކުރަން ފަށާނެ ކަމަށެވެ. އެކަންކަމުގެ މައުލޫމާތު ކަމާ ބެހޭ ސަރުކާރުގެ އިދާރާތަކުން އިއުލާނު ކުރާނެކަން ވެސް ރައީސް ފާހަގަކުރެއްވިއެވެ.

ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ހިންގާ ފަރާތްތަކާ އެކު ބޭއްވި ބައްދަލުވުމުގައި ރައީސް ވަނީ އެ ފަރާތްތަކުގެ ޝަކުވާތައް އައްސަވައިފައެވެ. ބައެއް ކަންކަމަށް ވަގުތުން ހައްލު ގެނެސްދީފައިވާއިރު، ދެން ހުރި ކަންކަމަށް ވެސް ހައްލު ގެނެސްދެއްވާނެކަމުގެ ޔަގީންކަން ދެއްވައިފައިވެއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!