މަސްތުވާތަކެތީގެ ވިޔަފާރިކޮށް، އެ ބޭނުންކުރާ 3 މީހަކު ދުވާފަރުން ހައްޔަރުކޮށްފި
ރ. ދުވާފަރުގައި ފުލުހުން ހިންގި އޮޕަރޭޝަނެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކޮށް، އެ ތަކެތި ބޭނުންކުރާ ތިން މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުންގެ ޚިދުމަތުން ބުނީ، ކައުންޓަރ ނާކޮޓިކްސް އިންޓެލިޖަންސަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން މި ޑިސެމްބަރު މަހުގެ 27ވަނަ ދުވަހުގެ ދަންވަރު ކުރިއަށް ގެންދިޔަ އޮޕަރޭޝަނެއްގައި، މަސްތުވާތަކެތި އެތެރެކޮށް، އެތަކެތި ގެންގުޅެ އަދި އެތަކެތި ބޭނުންކުރާ ކަމުގެ ތުހުމަތުގައި 3 މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.
އެގޮތުން ހައްޔަރުކޮށްފައި ވަނީ، ރ. ދުވާފަރު / ދަފްތަރު ނަންބަރު 0098، މުޙައްމަދު ޢަލީ (39އ)، ރ. ދުވާފަރު / އުޖާލާއަލި، އިސްމާޢީލް ޝައުފާން ޢަލީ (28އ)ގެ އިތުރުން ގއ. ގެމަނަފުށި / ނިއުލައިޓް، ނަޛީޙު ޙިލްމީ (32އ) ކަމަށެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކުރި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން އިސްމާޢީލް ޝައުފާން ޢަލީ ފަސް ދުވަހަށް ބަންދުކުރުމަށާއި ދެންތިބި ދެ މީހުން 30 ދުވަހަށް ބަންދުކުރުމަށް ޢަމުރުކޮށްފައިވާ ކަމަށް ފުލުހުން މަޢުލޫމާތުދެއެވެ.
މި މައްސަލަ ފުލުހުންގެ ޑުރަގު އެންޕޯސްމަންޓުން ގެންދަނީ އިތުރަށް ތަހުގީގުކުރަމުންނެވެ.

