ޚަބަރު

ޕެންޝަން އޮފީހުގެ ސީއެފްއޯގެ މަގާމަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކޮށްފި

އިބްރާހީމް ހަމީޒް ، ދެން އޮންލައިން
ޕެންޝަން އޮފީސް--

ޕެންޝަން އޮފީހުގެ ޗީފް ފައިނޭންޝިއަލް އެޑްވައިޒަރު(ސީއެފްއޯ)ގެ މަގާމަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކޮށްފިއެވެ.

Ads by STELCO

ޕެންޝަން އޮފީހުގެ ސީއެފްއޯގެ މަގާމު ހުސްވީ ކުރިން އެ މަގާމުގައި ހުންނެވި ހައްވާ ފަޖުވާ، މިދިޔަ ނޮވެމްބަރު މަހުގެ ހަތަރުވަނަ ދުވަހު އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މި މަހުގެ 21ވަނަ ދުވަހު އޮތީ ހުޅުވައިލައިފައެވެ. އެއީ އަންނަ ބުދަ ދުވަހާ ހަމައަށެވެ.

ޕެންޝަން އޮފީހުން މިއަދު ބުނީ ގިނަ ފަރާތްތަކަކަށް އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ދިނުމުގެ ގޮތުން، އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު އަންނަ މަހުގެ އަށަކާ ހަމައަށް މިހާރު އިތުރުކޮށްފައިވާ ކަމަށެވެ.

ޕެންޝަން އޮފީހުގެ ކުރީގެ ސީއެފްއޯ ފަޖުވާ އިސްތިއުފާ ދެއްވި ސަބަބެއް މުޅިން ސާފެއް ނުވެއެވެ. ފަޖުވާ އިސްތިއުފާ ދެއްވިއިރު، ސަރުކާރުގެ ހަރަދުތައް މެނޭޖު ކުރުމަށް މަރުކަޒީ ބޭންކު، އެމްއެމްއޭ މެދުވެރިކޮށް ވިއްކާ 2.4 ބިލިއަން ރުފިޔާގެ ބޮންޑުގެ މައްސަލަ އޮތީ ފެންމަތިވެފައެވެ. އެކަމާ ހިތްހަމަ ނުޖެހިގެން މިދިޔަ  އޮކްޓޫބަރު މަހުގެ 22ވަނަ ދުވަހު ޕެންޝަން އޮފީހުގެ ބޯޑުން އަހުމަދު ސަރުވަޝް އާދަމް ވެސް ވަނީ އިސްތިއުފާ ދެއްވައިފައެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!