ސަރުކާރުން ދޭ މާލީ އެހީ 41 މީޑިއާއަކަށް ދޭން ނިންމައިފި
ރަޖިސްޓްރީކޮށްގެން ހިންގާ އަމިއްލަ މީޑިއާތަކަށް ފައިސާ ދިނުމުގެ އުސޫލަށް ގެނައި އިސްލާހާ އެކު، 41 މީޑިއާއަކަށް މާލީ އެހީ ދިނުމުގެ ޝަރުތު ހަމަވާ ކަމަށް މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނުން މިއަދު ނިންމައިފިއެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅާ އެއްގޮތަށް، އަމިއްލަ މީޑިއާތަކަށް މާލީ އެހީ ދިނުމުގެ އުސޫލު ފުރަތަމަ އެކުލަވައިލިއިރު، އެހީ ދިނުމުގެ މައިގަނޑު ޝަރުތަކީ ރަޖިސްޓްރީކޮށްގެން ހިންގާތާ ތިން އަހަރަށްވެފައިވުމެވެ. އަދި ފައިސާ ދިނުމުގައި އެ މީޑިއާތަކުގައި މަސައްކަތް ކުރާ މުވައްޒަފުންގެ އަދަދަށް ރިއާޔަތް ކުރުމަށް ހިމަނާފައި ނުވާތީ އޭރު ޝަރުތު ހަމަވީ އެންމެ 18 މީޑީއާއެވެ.
އެއާއެކު ގިނަ މީޑިއާތަކުން ވަނީ ޝަކުވާކޮށް މައްސަލަ ޖައްސައިފައެވެ. އެހެންކަމުން އެ ކޮމިޝަނުންވަނީ އާ އުސޫލެއް އެކުލަވާލައިފައެވެ.
އާ އުސޫލުގެ ދަށުން، ރަޖިސްޓްރީކޮށްގެން ހިންގާތާ 1 އަހަރު ދުވަސްވެފައިވާ މީޑިއާތަކަށް މާލީ އެހީ ލިބޭނެއެވެ. މާކްސް ދިނުމުގައި މައިގަނޑު ގޮތެއްގައި ބަލާފައިވަނީ މީޑިއާގެ އުމުރާއި، މުވައްޒަފުންގެ އަދަދާއި މިޑިއާ ކުރިއަރުވަން ހުށަހަޅާ ކަންކަން ނުވަތަ ބިޒްނަސް ޕްރޮފައިލާއި ކޮންޓެންޓުގެ ބާވަތަށެވެ. އަދި މުވައްޒަފުންގެ ތައުލީމީ ފެންވަރާއި ތަޖުރިބާ އަދި އިދާރީ އިންތިޒާމްތައްވެސް ހިމެނެއެވެ.
އާ އުސޫލުގެ ދަށުން 57 މީޑިއާއެއް އެހީ ހޯދަން ހުށަހެޅިއެވެ. ނަމަވެސް ޝަރުތު ހަމަވާކަމަށް ކަނޑައަޅާފައިވަނީ އޭގެތެރެއިން 41 މީޑިއާއެވެ.
